153 އެޕިސޯޑަށް ފަހު، އެމެރިކާގެ މަޝްހޫރު ކޮމެޑީ ސީރީޒް "ބްރޫކްލީން ނައިން-ނައިން" ނިންމާލަން ހަމަޖެހިފައި ވާ ކަން އިއުލާން ކޮށްފިއެވެ.

ނިއުޔޯކްގެ ހިޔާލީ ޕޮލީސް ޕްރީސިންކްޓެއްގައި ހިނގާދާ ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ "ބްރޫކްލީން ނައިން-ނައިން" އެންމެ ފުރަތަމަ ދައްކަން ފެށީ 2013 ވަނަ އަހަރުގެ ތެރޭގައެވެ.

އިންސްޓަގްރާމަށް ދޫކޮށްލި ޕޯސްޓެއްގައި، ޝޯގެ ކޯ-ކްރިއޭޓާ ޑޭން ގޫއާ ބުނީ، ޝޯގެ ކެރެކްޓަރުންނާއި ފޭނުންނަށް ހައްގު "ނިމުމެއް" ގެނެސްދިނުމުގެ ފުރުސަތު ތަނަވަސް ކޮށްދިން ކަމަށްޓަކައި، އެންބީސީއާއި ޔުނިވާސަލް ޓެލެވިޝަންއަށް އިންތިހާއަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

"ބްރޫކްލީން ނައިން-ނައިން" ގެ ކުރޫއާއި ކާސްޓުންނާއެކު 8 ސީޒަންގައި މަސައްކަތް ކުރެވުމަކީ ލިބުނު ނަސީބެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑު ނަސީބަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން "ބްރޫކްލީން ނައިން-ނައިން" އަށް ލިބުނު ފޭނުން ކަމަށްވެސް ގޫއާގެ އިންސްޓަގްރާމް ޕޯސްޓުގައި ވަނީ ބުނެފައެވެ. ޝޯ ކެންސަލް ކުރުމާ ހިސާބަށް ގޮސްފައި ވަނިކޮށް، "ބްރޫކްލީން ނައިން-ނައިން" ދެމި އޮންނާނެ ކަމުގެ އުއްމީދު އާ ކޮށްދިން ބަޔަކީވެސް ފޭނުން ކަމަށް އެ ޕޯސްޓްގައި ބުނެފައިވެއެވެ.

ގޫއާ ބުނީ ޝޯ މުޅިން ނިންމާލަން ނިންމި ނިންމުމަކީ ވަރަށް އުނދަގުލުން ނިންމި ނިންމުމެއް ކަމަށެވެ. ނަމަވެސް، މިއީ ޝޯގެ ކެރެކްޓަރުންނާއި ބެލުންތެރިންނަށް އެންމެ އިންސާފުވެރި ގޮތަކީ ޝޯ ނިންމާލުން ކަމަށްވެސް ގޫއާގެ ޕޯސްޓްގައި ވަނީ ބުނެފައެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގެ ހަބަރުތައް ރިޕޯޓް ކުރާ "އީ" އިން ހަބަރު ދޭ ގޮތުގައި، "ބްރޫކްލީން ނައިން-ނައިން"ގެ 8 ވަނަ ސީޒަން އޮތީ ޕްރޮޑަކްޝަންގެ މަރުހަލާގައެވެ. މި ހިނގާ 2021 ވަނަ އަހަރު ނުވަތަ ކުރިއަށް އޮތް 2022 ވަނަ އަހަރު "ބްރޫކްލީން ނައިން-ނައިން" ގެ 8 ވަނަ ސީޒަން ޕްރިމިއާ ކުރަން ތާވަލު ކޮށްފައި ވާއިރު، ކަނޑައެޅިގެން ވަކި ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

5 ވަނަ ސީޒަނަށް ފަހު، އެމެރިކާގެ ފޮކްސް ނެޓްވޯކުން "ބްރޫކްލީން ނައިން-ނައިން" ކެންސަލް ކުރިއެވެ. އޭގެ ފަހުން އެ ޝޯ ގެނެސްދެމުން ދިޔައީ އެންބީސީއިންނެވެ.