ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޭސް ރިޕޯޓް ކުރި މިންވަރު، ފާއިތުވީ 4 ހަފުތާގައިވެސް ދަށަށް ގޮސްފައި ވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކޮންމެ ހަފުތާއަކުވެސް ޑަބްލިއުއެޗްއޯއިން އާންމު ކުރަމުން އަންނަ އެޕިޑެމިއޮލޮޖިކަލް އަޕްޑޭޓްގެ ރެކޯޑްތަކަށް ބަލާއިރު، ފާއިތުވީ ހަފުތާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓް ކޮށްފައިވާ ކޭސްތަކުގެ އަދަދު 3.1 މިލިއަނަށް އަރައެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅާ ބަލާއިރު، 17 ޕަސެންޓް ދަށް އަދަދެކެވެ. އަދި މިއީ، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އެންމެ ދަށުން ކޭސް ނަންބަރު ރެކޯޑް ކުރި ފަހަރު ވެސް މެއެވެ.
މިދިޔަ ހަފުތާގައި އެންމެ ގިނަ އަދަދަކަށް ކޭސް ހިއްސާ ކުރީ އެމެރިކާއިންނެވެ. އެމެރިކާއިން ވަނީ 871365 ކޭސް ރިޕޯޓް ކޮށްފައެވެ. ނަމަވެސް، މިއީ، އޭގެ ކުރީ ހަފުތާއާ އަޅާ ބަލާއިރު 19 ޕަސެންޓް ދަށް އަދަދެއް ކަން ފާހަގަ ކުރަން ޖެހެއެވެ.
ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ނަންބަރުތަކުން ރިޕޯޓް ކުރާ ގައުމުތަކުގެ ތެރޭގައި ބްރެޒިލް، ފަރަންސޭސިވިލާތް، ރަޝިއާ އަދި އިނގިރޭސިވިލާތްވެސް ހިމެނޭ ކަން، ޑަބްލިއުއެޗްއޯއިން ފާހަގަ ކުރެއެވެ.
މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޭސް ނަންބަރު އެންމެ ދަށް ވެފައިވަނީ އެފްރިކާ ސަރަހައްދުންނެވެ. ހުސްވި ހަފުތާގައި އެފްރިކާ ސަރަހައްދުން ކޭސް ރެކޯޑް ކުރި މިންވަރު ވަނީ، 22 ޕަސެންޓް ދަށަށް ގޮސްފައެވެ. އިރުމަތީ މެޑިޓަރޭނިއަން ސަރަހައްދުން ކޭސް ރެކޯޑް ކުރި މިންވަރު ދަށަށް ދިޔައީ އެންމެ 2 ޕަސެންޓަށެވެ.
ޑިސެމްބަރު 2019ގައި ޗައިނާގެ ވޫހާން ސިޓީއިން ކޮވިޑް-19ގެ ފުރަތަމަ ކޭސްތައް ރިޕޯޓް ކުރަން ފެށި ފަހުން އަދާ ޖެހުނުއިރު، ދުނިޔޭގެ އެކި މަންޒިލްތަކުން، 107.4 މިލިއަނަށް ވުރެ ގިނަ ކޭސް ވަނީ ރެކޯޑް ކޮށްފައެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދުވެސް މިހާރު ވަނީ 2.35 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.