މުޅި ދުނިޔޭގައިވެސް މިވަގުތު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފޯރާފައި ނުވާ ހަމައެކަނި ތަންތަނަކީ މާތްވެގެންވާ 2 މިސްކިތް ކަމަށް، އައްޝައިހު ޢަބްދުއްރަހުމާން އަލް-ސުދައިސް ވިދާޅުވެއްޖެއެވެ.

މާތްވެގެންވާ 2 މިސްކިތުގެ ކަންކަމާ ބެހޭ ރައީސް އަދި މަސްޖިދު އަލް-ޙަރަމްގެ އިމާމް، ޝައިހު ސުދައިސް މިހެން ވިދާޅުވީ، ސައުދީއަށް ޒިޔާރަތްކުރާ ފަރާތްތަކާއި ދީނީ އަޅުކަން އެދިގެން ސައުދީއަށް ދަތުރުކުރާ ފަރާތްތަކަށް އެ ގައުމުން ހިދުމަތް ކުރުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ ސިމްޕޯޒިއަމްގައި ވާހަކަދައްކަވަމުންނެވެ.

ސައުދީ އަރަބިއްޔާގައި ހުންނަ މާތްވެގެންވާ މަސްޖިދު އަލް-ނަބަވީގެ ސެކިއުރިޓީ ބެލެހެއްޓުމާ ސާފު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ޙަރަމައިންގެ ރައީސް ޝައިހު ޢަބްދުއްރަޙްމާން އަލް ސުދައިސް ބައްދަލުކުރައްވަނީ / ފޮޓޯ: ޓްވިޓާ

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޝައިހު ސުދައިސް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސައުދީއިން އަޅަމުންދާ ފިޔަވަޅުތަކާއެކު، އެ ގައުމުން މިސާލު ދައްކާފައި ވާ ކަމަށެވެ. އަދާ ޖެހުނުއިރުވެސް ސައުދީއިން މިކަން ކުރަމުން އަންނަނީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަމަށް ވެސް ޝައިހު ސުދައިސް ވަނީ ވިދާޅުވެފައެވެ.

ސައުދީގެ ލީޑާޝިޕަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މުހިންމު ފިޔަވަޅުތަކެއް ތަންފީޒު ކުރި ލީޑާޝިޕެއްކަން ފާހަގަ ކުރައްވަމުން ޝައިހު ސުދައިސް ވަނީ، ސައުދީގެ ވެރިކަން ދެމި އޮވޭތޯ މާތް ﷲ ގެ ހަޒުރަތުގައި ދުއާ ދަންނަވާފައެވެ.

ޙައްޖު 1441: ތޮވާފް ކުރުމާ ނަމާދު ކުރުމުގައިވެސް ޖިސްމާނީ ގައިދުރުކަން އޮވޭ / ފޮޓޯ: ސައުދީ މީޑިއާ މިނިސްޓްރީ

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސައުދީގެ ލީޑާޝިޕުން ތަންފީޒު ކުރާ ފިޔަވަޅުތަކަކީވެސް އުމްރާވެރިންނާއި، އެނޫންވެސް އަޅުކަންތަކުގައި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސައުދީއިން ދޭ އަހައްމިއްޔަތުކަން އަންގައިދޭ ކަމެއް ކަމަށް ޝައިހު ސުދައިސް ފާހަގަ ކުރެއްވިއެވެ. އަދި މިއީ، މާތްވެގެންވާ 2 މިސްކިތުގެ ވެއްޓަކީ ބަލިތަކުން ސަލާމަތްވެފައިވާ، ވީހާވެސް ރައްކާތެރި، ފުރިހަމަ މިސާލަކަށް ހެދުމަށް ސައުދީއިން އެދޭ މިންވަރު އަންގައިދޭ ކަމެއް ކަމަށްވެސް ޝައިހު ސުދައިސް ވަނީ ސިފަކުރައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ސައުދީއިން ވަނީ ސިލްސިލާ ގޮތެއްގައި ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކޮށްފައެވެ. ހާއްސަ ކޮންޓްރޯލެއްގެ ދަށުން ޙައްޖުގެ މަތިވެރި އަޅުކަމާއި، އުމްރާގެ އަޅުކަމަށްވެސް ފުރުސަތު ދީފައި ވާއިރު، މިއިން އެއްވެސް ހާލަތެއްގައި ކޮވިޑް ކްލަސްޓާއެއް އުފެދުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.