ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިއުލާން ކޮށްފިއެވެ.
އީސީން ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށްފައިވާ ކަމަށާ އެ ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓް އާއި ކޮމިޝަނުގެ ވެބްސައިޓް އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި ސިޓީތަކުގެ ކައުންސިލް އިދާރާ ނުވަތަ އަވަށު އޮފީހުން އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.
އަދި 1414 އަށް މެސެޖެއް ކޮށްގެންވެސް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޗެކްކުރެވޭނެ ކަމަށް އީސީން ބުނެއެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅާނީ މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 1:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށެވެ.
ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅަން ވާނީ ކޮމިޝަނުން ކަނޑައަޅާފައިވާ "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް ކަމަށް ކޮމިޝަނުން ބުނެއެވެ. އެ ފޯމް ކޮމިޝަންގެ ވެބްސައިޓުން ލިބޭނެއެވެ. ފޯމު އީމެއިލް ކުރަން އެ ކޮމިޝަނުން ބުނެއެވެ.
މިދިޔަ އޭޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހާ ހަމައަށް ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ފެތުރުމާ ގުޅިގެންނެވެ. މިހާރު އިންތިހާބު ބާއްވާނެ ތާރީހަކަށް ހަމަޖައްސާފައި ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހެވެ.
އިންތިހާބު ބާއްވާ ދުވަސް ގާތްވަމުންދާ އިރު އީސީން ދަނީ އިންތިހާބު ބޭއްވުމުގެ ކަންކަން ހަމަޖެއްސުމަށް ތައްޔާރީތައް ވަމުންނެވެ.