ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް، އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށްފައިވާ ވެކްސިނަކީ، މި ބަލިމަޑުކަމާ ދެކޮޅަށް ބޭނުން ކުރެވެން އޮތް މުހިންމު ހަތިޔާރެއް ކަމަށާ، މި ވެކްސިން ބޭނުން ކުރުން ހުއްޓާ ނުލުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ގޮވާލައްވައިފިއެވެ.
އޮކްސްފޯޑް/އަސްޓްރާޒެނީކާގެ ވެކްސިން ހުއްޓާނުލުމަށް ޑރ ޓެޑްރޯޒް ގޮވާލައްވާފައި މިވަނީ، ދެކުނު އެފްރިކާއިން ފާހަގަ ކުރެވުނު ކޮރޯނާވައިރަހުގެ ވޭރިއަންޓާ ދެކޮޅަށް މި ވެކްސިންއިން މާ ބޮޑު ދިފާއެއް ލިއްބައި ނުދޭ ކަމަށް ބުނާ ދިރާސާއަކާ ގުޅިގެން، ދެކުނު އެފްރިކާއިން ވެކްސިން ކެމްޕޭން މަޑުޖައްސާލާފައިވާ ދަނޑިވަޅެއްގައެވެ.
ޑރ ޓެޑްރޯޒް ވިދާޅުވީ، ދެކުނު އެފްރިކާއިން ރިއާޔަތް ކުރާ ދިރާސާއަކީ ހަނި ދާއިރާއެއްގައި ކުރިއަށް ގެންގޮސްފައިވާ ދިރާސާއެއް ކަމަށެވެ. އަދި މި ދިރާސާއަކީ 2 ޑޯޒްގެ ދެމެދުގައި އެންމެ 4 ހަފުތާގެ މުހުލަތެއް ދީގެން ކުރި، ކުޑަ ދިރާސާއެއް ކަން ދޭހަވާ ފަދަ މޭރުމަކުން ޑރ ޓެޑްރޯޒް ވަނީ ވާހަކަދައްކަވާފައެވެ.
މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޑރ ޓެޑްރޯޒް ވަނީ، ވެކްސިން އުފައްދާ ފަރާތްތަކުންވެސް އާ ވޭރިއަންޓްތަކަށް އަހުލުވެރިވެ، އާ ވޭރިއަންޓްތަކަށް ވެކްސިން "އެޖަސްޓް" ކުރުމަށް ގޮވާލައްވާފައެވެ.
އޮކްސްފޯޑް/އަސްޓްރާޒެނީކާ ވެކްސިނާ ގުޅިގެން ދެކުނު އެފްރިކާގައި ދިރާސާ ކުރިއަށް ގެންދިއުމުގައި އިސްކޮށް ހުންނެވި އިންވެސްޓިގޭޓަރުވެސް ވަނީ، ދެކުނު އެފްރިކާ ވޭރިއަންޓާ ދެކޮޅަށް މި ވެކްސިންއިން މާ ބޮޑު ދިފާއެއް ލިއްބައި ނުދިން ނަމަވެސް، މިއީ ކޮވިޑް-19އާ ދެކޮޅަށް، ދެކުނު އެފްރިކާއާއި މުޅި ދުނިޔެއަށްވެސް މުހިންމު ވެކްސިނެއް ކަމަށް ވިދާޅުވެފައެވެ.
ހުރިހާ ގައުމަކަށް އެއް އިންސާފަކުން ވެކްސިން ކަށަވަރު ކޮށްދިނުމަށް ޑަބްލިއުއެޗްއޯޢިން އެކުލަވާލި ކޮވެކްސް އިއްތިހާދުގައި ހިމެނޭ ކޯލިޝަން ފޮ އެޕިޑަމިކް ޕްރެޕެއާޑްނަސް އިނޮވޭޝަންސް (ސެޕީ)ގެ އިސްވެރިޔާ ރިޗާޑް ހެޗެޓްވެސް ވިދާޅުވީ، އޮކްސްފޯޑް/އަސްޓްރާޒެނީކާގެ ވެކްސިން ބާތިލު ކުރަން އަދި މާ އަވަސް ކަމަށެވެ.
އޮކްސްފޯޑް/އަސްޓްރާޒެނީކާގެ ވެކްސިނަކީ، ކޮވެކްސް ފެސިލިޓީގައި ހިމަނާފައިވާ ވެކްސިނެކެވެ. 145 ގައުމަކަށް ކޮވެކްސް ފެސިލިޓީއިން ފޮނުވާ 337.2 މިލިއަން ޑޯޒްގެ ބޮޑު އިންސަތައެއް ހިއްސާ ކުރަނީވެސް މި ވެކްސިނެވެ.
ދެކުނު އެފްރިކާގައި އޮކްސްފޯޑް/އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިންގެ 1.5 މިލިއަން ޑޯޒް ހުރިއިރު، މި ޝިޕްމަންޓަކީ އޭޕްރިލް މަހަށް މުއްދަތު ހަމަވާ ޝިޕްމަންޓެއް ކަމަށް މައުލޫމާތު ލިބެއެވެ.