އުމުރުން 40 އަހަރުގެ އަހުމަދު ރަމްޒީ، އާންމު ނަމުން ނަމަ އަންމި އަކީ އުފެދުމުގައި ހިތުގެ މައްސަލަތަކެއް ހުރި މީހެކެވެ. ކައިވެނީގެ ގޮތުން މީހަކާ ގުޅިގެން އުޅޭތާ ގިނަ އަހަރުތަކެއް ވެފައިވާ ރަމްޒީގެ ދެ ދަރިން ތިބި އިރު އޭނާގެ ދޮން ދަރިއެއް ވެސް ހުރެއެވެ. ހިތުގެ ތިން ވަނަ ސާޖަރީއަކާ ހަަމައަށް ދާން ޖެހިފައިވާ ރަމްޒީގެ ކުޑަ އާއިލާއަށް މިހާރު ވަނީ މާލީ ގޮތުން ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ.

މި މަހުގެ 17 ވަނަ ދުވަހު އޭނާގެ ހިތުގެ ތިންވަނަ ސާޖަރީ އޭޑީކޭ ހޮސްޕިޓަލުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭނާ ގެ ފުރަތަމަ ސާޖަރީ ކޮށްފައި ވަނީ ޑިސްމްބަރު 3، 2002 ގައި އިންޑިއާގެ ޓްރިވެޑްރަމްގައި ހުންނަ ސްރީ ޗިތުރާ ހޮސްޕިޓަލުގައެވެ. އެއަށް ފަހު އޭނާގެ ދެވަނަ އޮޕަރޭޝަންއެއް ކޮށްފައި ވަނީ އޮކްޓޯބަރު 19، 2019 ގައި އޭޑީކޭ ހޮސްޕިޓަލުގައެވެ. އެއީ ރާއްޖޭގައި އެންމެ ފުރަތަމަ ހިތުގެ ލޯވަޅު ބެއްދުމަށް ކުރެވުނު އޮޕަރޭޝަންއެވެ.

އޭޑީކޭ ހޮސްޕިޓަލުގައި އަހްމަދު ރަމްޒީގެ ކުޑަ އާއިލާ އާއެކު ނަގާފައި ވާ ފޮޓޯއެއް

ހިތުގައި ލޯވަޅެއް ހުންނަ ރަމްޒީއަށް އެކަމުގެ ސަބަބުން ގިނަ އުނދަގޫތައް އަންނަނީ ތަހައްމަލު ކުރަމުންނެވެ. އެގޮތުން އޮކްސިޖަން ލިބުމުގައި ދަތިތަކެއް ހުންނާތީ، ނޭވާއަށް އުނދަގޫވެ ދޭތެރެ ދޭތެރެއިން މެއަށް ތަދުއަރާ ކަމަށް އޭނާ ބުނެއެވެ. އަދި ނޭވާލާން އުނދަގޫވުމާއި ވަރުބަލިވެ ހިނގާ ބިނގާވެ އުޅެން ވެސް ދަތިވާ ކަމަށް އޭނާ ބުނެއެވެ. ހަމައެއާއެކު އަތުގެ ނިޔަފަތިތައް ކަޅުވާ ކަމަށް ވެސް އޭނާ ބުނެއެވެ. އެންމެ ފުރަތަމަ އޭނާގެ ހިތުގެ ބަލި ހުރިކަން ވެސް އެނގިފައި ވަނީ މި ފަދަ އަލާމަތްތައް ފެނިގެން ޑޮކްޓަރަށް ދެއްކުމުން ކަމަށް އޭނާ ބުނެއެވެ.

މާލީ ގޮތުން ދަތިކޮށް އުޅެން ޖެހުމުން ވެސް އޭޑީކޭއިން ފަރުވާ ހޯދަނީ ކީއްވެ؟

މިއީ އެ ދެމަފިރިންނަށް ގިނަ ބަޔަކު ކުރާ އެންމެ ބޮޑު އެއް ސުވާލެވެ. މާލީ ގޮތުން ދަތި އިރު އޭޑީކޭއަށް ދާނީ "މޮޔައެއް" ނޫންހޭ ބުނާ މީހުން މަދެއް ނޫނެވެ. މިފަދައިން ބުނާ ކޮންމެ މީހަކަށް ވެސް ރަމްޒީގެ އަންހެނުން ވަރަށް ސާފުކޮށް ތަފްސީލް ކޮށް އެ ދެމަފިރިން ކުރި ހިތްދަތި ދަތުރުގެ ވާހަކަ ހިއްސާ ކުރެއެވެ. އަދި ޑޮކްޓަރުން ދީފައިވާ ލިޔުންތައް ވެސް ދައްކާ ކަމަށް އޭނާ ބުނެއެވެ.

2002 ވަނަ އަހަރު އިންޑިއާގެ ސްރީ ޗިތުރާ ހޮސްޕިޓަލުން ދިން ޑިސްޗާޖް ސަމަރީ

ހިތުގެ ލޯވަޅު ބެއްދުމަށާއި އަދި ހިތުގެ ވޭލްވް ރިޕެއާ ކުރަން ފުރަތަމަ ކުރި އޮޕަރޭޝަން އަކީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށް އެ އާއިލާއިން ބުނެއެވެ. 2002 ވަނަ އަހަރު އިންޑިއާއިން ކުރި އެ އޮޕަރޭޝަންއަށް ފަހު، ކޮންމެ ދެއަހަރުން އެއް އަހަރަކު ބަރާބަރަށް ޗެކްއަޕް ހަދަމުން އައި ރަމްޒީގެ ހާލު އިތުރަށް ގޯސްވީ 2019 ވަނަ އަހަރު ފެށުނު ތަނާއެވެ.

އޭރު އެންމެ ފުރަތަމަ ރަމްޒީ ދައްކާފައި ވަނީ އައިޖީއެމްއެޗްގައި ހުންނަ ހިތުގެ ހާއްސަ ޑޮކްޓަރު ޑރ. މިގްދާދު ޝަރީފަށެވެ. ޑރ. މިގްދާދު ވިދާޅުވެފައި ވަނީ އައިޖީއެމްއެޗުން އެ އޮޕަރޭޝަން ކުރެވެން ނެތް ކަމަށާއި އެ އޮޕަރޭޝަން ކުރުމަށް ބޭނުންވާ ވަސީލަތްތައް ނެތް ކަމަށެވެ. އެހެންކަމުން ރާއްޖެއިން ބޭރުން ހިތުގެ އޮޕަރޭޝަން ކުރަން ދިއުމަށް ލަފާ ދީ ވަނީ ޑރ. މިގްދާދު ލިޔުން ދީފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ޑރ. މުހައްމަދު ޝާފިއު ދެއްވި ލިޔުމާއި، އައިޖީއެމްއެޗުން ޑރ. މިގްދާދު ޝަރީފް ދެއްވި ލިޔުން

ފެބްރުއަރީ 14، 2019 ގައި ދިން ލިޔުމާއެކު އާސަންދައިގެ ދަށުން އެ ދެމަފިރިން ވަނީ ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ގޮސްފައެވެ. ނަމަވެސް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން އެ ދެމަފިރިންނަށް ދިނީ ހިތްދަތި ހަބަރެކެވެ. އެ ހޮސްޕިޓަލުން މުޅިންހެން އުންމީދު ކަނޑާލި ކަމަށާއި އަދި ސާޖަރީ ހެދުމަކީ ރަމްޒީގެ ފުރާނައަށް އޮތް ބޮޑު ރިސްކެއް ގޮތުގައި ބުނެފައިވާ ކަމަށް ރަމްޒީގެ އަންހެނުން ފާތުމަތު ރަޝީދާ ބުނެއެވެ. އެހެންކަމުން އެ ދެމަފިރިން އެނބުރި މާލެއަށް އައިސް ދެން ދެއްކީ އޭޑީކޭ ހޮސްޕިޓަލުގައި ބައްލަވާ ހިތުގެ ހާއްސަ ޑރ. މުހައްމަދު ޝާފިއު އަށެވެ.

ޑރ. ޝަފީއުއަށް ދެއްކުމުން ލިބުގެން ދިޔަ ޖަވާބަކީ އެ ދެމަފިރިންގެ ދިރިއުޅުމަށް އައި އަނދިރިކަން ފިލުވާދިނުމަށް ދިއްލުނު ހުޅުކޮޅެއްގެ ގޮތުގައި އެ އާއިލާއިން ސިފަކުރެއެވެ. ރަމްޒީގެ ޓެސްޓުތައް ހެއްދުމަށްފަހު ޑރ. ޝާފިއު ވަނީ އިތުރަށް އެންމެ ހިނދުކޮޅަކު ވެސް މަޑު ކުރުމަކީ ރަމްޒީގެ ފުރާނައަށް ގެއްލުންވާނެ ކަމަށް ބުނެ ސާޖަރީ އަވަސް ކުރުމަށް ލަފާ ދީފައެވެ. އެއާއެކު އެ އަހަރުގެ އޮކްޓޯބަރު މަހު ރަމްޒީގެ ދެވަނަ ސާޖަރީ ކުރިއެވެ.

ކާމިޔާބު އޮޕަރޭޝަނެއް ނިންމާލި އިރު އޭޑީކޭގެ ޓީމުން ކުރި މަސައްކަތާއި އެ ހޮސްޕިޓަލުން ރަމްޒީއަށް ދިން ހިދުމަތަކީ އަގު އަދާ ނުކުރެވޭ ފަދަ ފެންވަރު ރަނގަޅު ހިދުމަތެއް ކަމަށް ރަމްޒީ ބުނެއެވެ. އެ ދެމަފިރިންނަށް އޭޑީކޭއިން އޮޕަރޭޝަން ކުރަން ޖެހުމަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމެއް ނަމަވެސް އެ ސާޖަރީއަށް އަށް ފަހު އޭޑީކޭއިންނާއި އެންސްޕާއިން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަން ފަހާގަކޮށް އެ ދެ ފަރާތަށް ރަމްޒީ ޝުކުރު އަދާކުރިއެވެ.

އެހީއަށް އެދުމުން ގިނަ މީހުން ޖަހަނީ ޖޯކް!

މާލީ ގޮތުން ހުރި ދަތިތައް ފާހަގަ ކުރަމުން ރަމްޒީގެ އަންހެނުން ބުނީ، ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ޕްލެޓް ފޯމް ތަކުގައި ރަމްޒީގެ ބަލި ހާލަތު ބަޔާންކޮށް ޕޯސްޓްތައް ޖަހާފައި ހުންނާނެ ކަމަށެވެ. އެ ޕޯސްޓްތައް ފެނިގެން ބައެއް ފަރާތްތަކުން އެހީތެރިކަމެއް ނުދެވުނު ނަމަވެސް ހާލު ބަލާލަން ވެސް ގުޅާތީ ހިތްހަމަޖެހުމެއް ލިބޭ ކަމަށް އޭނާ ބުނެއެވެ. ނަމަވެސް މީގަ އެންމެ ހިތްދަތިވާ ހިސާބަށް ދަނީ ބައެއް ދިވެހިން ހާލުގައި ޖެހިފައި ތިބޭ މީހުންގެ ކުރިމައްޗަށް ހުށަހަޅާ "މުޑުދާރު" ހުށަހެޅުންތައް ކަމަށް އޭނާ ބުނެއެވެ.

ބައެއް މީހުން ފިރިމީހާގެ ފުރާނައަށްޓަކައި މިކުރާ މަސައްކަތުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށް އެދުމުން ބުނަނީ ފައިސާ ދެވޭނީ އެމީހުންނަށް ވެސް ފައިދާއެއް ވާ ކަހަލަ ކަމެއް ކޮށްދިނުމުން ކަމަށެވެ. ފިރިމީހާގެ ފުރާނަ ސަލާމަތްކުރަން ކުރަން މަޖުބޫރީ ހާލަތެއްގައި ހުރި ދަނޑިވަޅެއްގައި ނިކަމެތި އަންހެނަކަށް ބައެއް މީހުން ހުށަހެޅީ "ހަށިވިއްކަން" ކަމަށް އޭނާ ބުނެއެވެ.

ރަމްޒީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވާ

އެގޮތުން ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި ވަޒީފާ އަދާ ކުރާ މީހުން އޭނާ ގާތު "ތިއީ ރީތި އަންހެނެއް" ކަމަށާއި "ފައިސާ ހޯދަން އެހެން ގޮތްގޮތް ވެސް ހުންނާނެ" ކަމަށް ބުނެފައިވާ ކަމަށް ރަޝީދާ ބުނެއެވެ. އަދި ބޭނުމިއްޔާ އަންނާށޭ ބުނެ ދައުވަތު ދިން މީހުންވެސް މަދެއް ނޫން ކަމަށް އޭނާ ބުނެއެވެ.

"ގިނަ މަސްތަކުގައި މި އުޅެނީ މަހުގެ 15 އަށް އެޅީމަ ވަރަށް ހާލުގައި. އަތްމަތި އެއްކޮށް ހުސްވެ ކާން ވެސް ރަނގަޅު އެއްޗެއް ހޯދަން ފައިސާއެއް ނުހުރޭ. ކުދިންގެ އިންޓަވަލްވެސް ހޯދަނީ ވަރަށް ހާލުން. ފައިސާ ހޯދަން ވަޒީފާއަކަށް ދާން ބޭނުމަސް ރަމްޒީ އެހާ ބަލިކޮށް އުޅޭތީ ކައިރީގައި އެހެން މީހަކު ނެތީމަ ވަޒީފާއަކަށް ދާކަށްވެސް ނުކެރޭ. އެކަމަކު ގޭގައި ހުރެ ބައެއް މަސައްކަތް ކޮށްގެން ފައިސާ ހޯދަން މަސައްކަތް ކުރަން"
ރަމްޒީގެ އަންހެނުން

ދީނުގައި ހަރާމްކޮށްފައިވާ ކަމެއް ކޮށްގެން ރަމްޒީގެ ބޭސް ފަރުވާއަށް ފައިސާ ހޯދަން ބޭނުން ނުވާ ކަމަށް އޭނާ ބުނެއެވެ. ސަލާން ޖަހަން ޖެހުނު ކަމުގައި ވީ ނަމަވެސް ފިރިމީހާގެ ފުރާނަ ސަލާމަތް ކުރަން އެހާ ދަށު ދަރަޖައަށް ވެއްޓެން ބޭނުން ނުވާ ކަމަށް ރަޝީދާ ބުނެއެވެ. މާތް ﷲ އެއްވެސް އިންސާނަކަށް ނޫފުލޭނެ ވަރުގެ ބުރައެއް ނުޖައްސަވާނެ ކަމަށް ގަބޫލު ކުރާ ކަމަށާއި މިއީ އެ ދެމަފިރިންނަށް އޮތް އިމްތިހާނެއް ކަމަށް ދެކި ދުއާ ކުރާ ކަމަށައި ކެތްތެރިވާން މަސައްކަތް ކުރާނެ ކަަމަށް ރަޝީދާ ބުނެއެވެ.

މީގެ އިތުރުން ވެސް ބައެއް މީހުން ވިލިމާލޭގައި ދިރިއުޅޭ އެ ދެމަފިރިންނަށް ގުޅާފައި މާލެ އައުމަށް ދައުވަތު ދޭ ކަމަށް ރަޝީދާ ބުނެއެވެ. ރަމްޒީގެ ބަލި ހާލަތު ބަލާލަން ބޭނުންވާ ކަމަށް ބުނުމުން ލިޔެކިޔުންތައް ހިފައިގެން އެ ދެމަފިރިން މާލެއަށް ގޮސް އެމީހުންނަށް ގުޅާ ކަމަށާއި ނަމަވެސް ފަހު ވަގުތު އެމީހުންގެ ފޯނަށް ޖަވާބު ނުދީ ފޯނު ނިއްވާލާ ކަމަށް ރަޝީދާ ބުނެއެވެ. ބަލި މީހަކު ގޮވައިގެން އެބައެއްގެ ކައިރިއަށް ކަނޑު ދަތުރެއްކޮށްފައި ދިއުމުން މިހެން ކަންކުރުމަކީ ހިތް މަރުވާ ކަހަލަ ކަމެއް ކަމަށް ރަޝީދާ ބުނެއެވެ. އަދި މި ފަދަ ދަނޑިވަޅުގައި ވެސް ކެތްތެރިކަން އިސްކޮށް އެއްވެސް އިންސާނަކަށް މިފަދަ ދުވަހެއް ނުދައްކަވާތޯ ދުއާ ކުރާ ކަމަށް އޭނާ ބުނެއެވެ.

ރަމްޒީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވާ

އޭޑީކޭ ހޮސްޕިޓަލަކީ 50 ޕަސެންޓް އާސަންދަ ކަވާ ކުރާ ހޮސްޕިޓަލެކެވެ. އަދި ރަމްޒީގެ ބޭސް ސީޓީގައި ވެސް އާސަންދަ ކަވާ ނުކުރާ ބޭސް ހުންނާތީ މާލީ ގޮތުން އެހީތެރިކަން ބޭނުންވެފައިވާ ކަމަށް ރަމްޒީ ބުނެއެވެ. މިދިޔަ ނޮވެމްބަރު މަހު ރަމްޒީ އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިވާން ޖެހުނީ ބަލި ހާލަތު ހުރި ގޮތުން މީހާ ވަރުބަލިވެ ނޭވާއަށް އުނދަގޫވާތީ ކަމަށް އޭނާ ބުނެއެވެ. ތިން ދަރިން ބަލަމުން ދާ އިރު އެ ދެމަފިރިންނަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނަސް އާއިލާއާއި ރައްޓެހިންގެ އެހީތެރިކަން ލިބޭ ކަން ފާހަގަކޮށް އެ ފަރާތްތަކަށް ހާއްސަ ޝުކުރެއް އެ ދެމަފިރިން އަދާ ކުރިއެވެ.

ރަމްޒީގެ އަންހެނުން ފާތުމަތު ރަޝީދާ ބުނީ، ފަންޑް ރެއިސް ކުރުމަށް ކޮވިޑްގެ މި ހާލަތުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މި ވަގުތަކީ ހުރިހާ އާއިލާތަކަށް ވެސް މާލީ ގޮތުން ދަތި ދުވަސްވަރެއް ކަމަށް ގަބޫލު ކުރާ ކަމަށާއި ވެވެން އޮތް އެންމެ ކުޑަ އެހީތެރިކަމެއް ވިޔަސް ފޯރުކޮށް ދިނުމަށް އެދޭ ކަމަށެވެ. މާލީ ގޮތުން އެހީތެރިކަމުގެ އަތެއް ފޯރުކޮށް ނުދެވުނު ކަމުގައި ވީ ނަމަވެސް އޭނާގެ ފިރިމީހާއަށް ހެޔޮ ދުއާ ކުރުމަށް ރަޝީދާ އެދެއެވެ.

ދެވަނަ އަށް ކުރި އޮޕަރޭޝަންއަށް ފަހު އަރާފައިވާ ފައިސާގެ އަދަދު ހާމަކޮށް އޭޑީކޭއިން ދީފައިވާ ލިޔުމެއް

ރަމްޒީގެ ބައްޔަށް އަވަސް ޝިފާއެއް ހޯދުމަށް މިވަގުތު ވަނީ ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއަށް ބޭނުންވެފައެވެ. ރަމްޒީއަށް އެހީވުމަށް ބޭނުންވާ ފަރާތްތައް އަހުމަދު ރަމްޒީގެ ނަންބަރު 9684049 އަދި އޭނާގެ އަންހެނުން ފާތުމަތު ރަޝީދާގެ ނަންބަރު 7254540 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

'ދަ ޕްރެސް'ގެ ދުއާއަކީ މާތް ﷲ އަހުމަދު ރަމްޒީއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.