ގއ. މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ރޭ ހިންގި މާރާމާރީއެއްގައި އަނިޔާވި ކުއްޖަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައި ވަނީ ފަރުމާދެމުން ދަނިކޮށް އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ ގއ. މާމެންދޫ، ލިލީ އޮފް ދަ ވެލީ، އަހުމަދު އުދައްޔު، 17 އެވެ.

ފުލުހުން ބުނީ ރޭ އިރާކޮޅު ހިންގި އެ މާރާމާރީގައި 2 މީހަކު ޒަހަމް ވި ކަމަށެވެ. އަދި 2 މީހުންވެސް ފަރުވާ ދިނުމަށްޓަކައި ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި މަރުވި ކުއްޖާ މަރުވެފައި ވަނީ ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. ނަމަވެސް ގއ. އަތޮޅު ހޮސްޕިޓަލުން ބުނެފައި ވަނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

މި މައްސަލަ ހިނގަން ދިމާވި ސަބަބު އަދި ސާފު ނުވިނަމަވެސް މާރާމާރީ ހިންގާފައި ވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ހާދިސާއާ ގުޅިގެން ގއ. މާމެންދުއާ ކައިރި ރަށަރަށުން ފުލުހުންގެ ޓީމުތައް އެރަށަށް ވަނީ ގޮސްފައެވެ. އަދި ތަހުގީގަށް ހާއްސަ ޓީމުތައް މިއަދު އެރަށަށް ދިއުމަށްޓަކައި މާލެއިން ފުރާނެ ކަމަށް ވަނީ މައުލޫމަތު ލިބިފައެވެ.

ކްރައިން އިންވެސްޓިގޭޝަން ކޮމާންޑުގެ ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓުމަންޓުން މިހާރު ދަނީ މައްސަލަ ބަލަމުން. މިއަދު ހެނދުނު ފުރާނެ. އަޅުގަނޑު އެދެނީ މާމެންދޫގެ ރައްޔިތުން ފުލުހުންނަށް އެއްބާރުލުން ދޭން.
ސީޕީ ހަމީދު

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ގއ. މާމެންދޫގައި ހިންގި މާރާމާރީގެ މައްސަލަ މިހާރު ސީރިއަސް ކްރައިމް ޑިޕާޓުމަންޓުން ބަލަން ފަށައިފި ކަމަށާއި އެ ރަށުގައި ހިންގި މާރާމާރީގައި ތޫނު އެއްޗެއް ހެރުމުގެ ސަބަބުން، ޒަހަމްވި އެކަކު މަރުވެ ދެވަނަ މީހަކު ސީރިއަސް ހާލަތުގައި ވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 22:00 ހާއިރު ހިންގި އެ މާރާމާރީގައި ޒަހަމް ކޮށްލި ދެވަނަ މީހަކީ އުމުރުން 21 އަހަރުގެ މީހެއް ކަމަށެވެ. އެއީ ރޭ މަރުވި އުދައްޔުގެ ބޭބެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.