ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން ރާއްޖޭގައި ރަސްމީ ގޮތުން ރަޖިސްޓްރީ ނުވެ އުޅޭ މައްސަލައަކީ ހައްލު ކުރަން ޖެހިފައިވާ މައްސަލައެއް ކަމަށާ، ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުގައި، އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކާއެކު މިކަމާ މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ، ބަންގްލަދޭޝްގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް، ޑރ އޭކޭ އަބްދުލް މޮމެންގެ ދައުވަތަކަށް، 2 ދުވަހުގެ މުއްދަތަށް ބަންގްލަދޭޝްއަށް ކުރައްވާ ދަތުރަށް ފުރާވަޑައިގެންނެވުމުގެ ކުރިން، މީޑިއާއަށް ދެއްވި ބަޔާނެއްގައެވެ.
މި ދަތުރުގައި 2 ފަހުމްނާމާ (އެމްއޯޔޫ) އެއްގައި ސޮއި ކުރެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެއް އެމްއޯޔޫއަކީ ހިއުމަން ރިސޯސް ޕްލޭސްމަންޓާ ގުޅޭ އެމްއޯޔޫއެއް ކަމަށާ، އަނެއް އެމްއޯޔޫއަކީ ދޭދޭ ފޮރިން ސާވިސް އެކަޑަމީގެ މެދުގައި ސޮއިކުރާ އެމްއޯޔޫއެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ ތެރެއިން ހިއުމަން ރިސޯސް ޕްލޭސްމަންޓާ ގުޅޭ އެމްއޯޔޫއަކީ، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މަސައްކަތްތެރިންނާ ގުޅޭ އެމްއޯޔޫއެއް ކަމަށްވެސް ޝާހިދު ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.
މި ދަތުރުގައި، ބަންގްލަދޭޝްގެ ފޮރިން މިނިސްޓާ މޮމެންއާއިއެކު، ޝާހިދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށާ، ބަންގްލަދޭޝްގެ ރައީސް، އެމްޑީ އަބްދުލް ހާމިދް އާއި ބޮޑުވަޒީރު ޝެއިހު ހަސީނާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.
ފޮރިން މިނިސްޓަރު ޝާހިދުގެ އަރިހުގައި ދިވެހި ވަފުދުގައި ދެން ބައިވެރިވެވަޑައިގަންނަވަނީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު އާއި ޖޮއިންޓް ސެކްރެޓަރީ ފާތުމަތު ގިނާއެވެ.