ކޮވިޑް-19 ވެކްސިންގެ ހަބަރު ފެތުރުމުގައި މީޑިއާތަކުން ސައްހަ މައުލޫމާތު ގެނެސްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބައެއް މީޑިއާތަކުން ކޮވިޑާ ގުޅޭ ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި، ވެކްސިންތަކުގެ ރައްކާތެރިކަމާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދި އިތުބާރު ގެއްލޭގޮތަށް ހަބަރާއި މައުލޫމާތު ޝާއިއުކޮށް ފަތުރަމުންދާކަން އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އޭގެ ސަބަބުން އިޖުތިމާއީ އެތައް މައްސަލަތަކެއް އުފެދެމުންދާކަމުގެ ޝަކުވާވެސް އާންމުންގެ ފަރާތުން އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށް އެ ކައުންސިލުން ބުނެއެވެ.

އެހެންކަމުން، ކޮވިޑް ވެކްސިނާ ގުޅޭ ހަބަރާއި މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ރާއްޖޭގައި ދިނުމަށް ކަމާބެހޭ ފަރާތްތަކުން މިވަގުތު ހުއްދަ ދީފައިވާ ވެކްސިންތަކުގެ ރައްކާތެރިކަމާމެދު ރައްޔިތުންގެ މެދުގައި ޝައްކާއި ވަހުމް އުފެދޭގޮތަށް، ހަގީގަތާހިލާފު ދޮގު ހަބަރާއި މައުލޫމާތު ނުފެތުރުމަށާއި، ވެކްސިންގެ މައުލޫމާތު އާންމުކުރުމުގައި ސައްހަ ތެދު މައުލޫމާތު ގެނެސްދިނުމަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް ވެކްސިނާ ގުޅެގޮތުން މަައުލޫމާތު ފެތުރުމުގައި އޭގެ ސައްހަ މައުލޫމާތު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރުމަށާއި، ވެކްސިން އާ ގުޅޭ މައުލޫމާތާ ހަވާލާދޭ މަސްދަރުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ބައިނަލްއަގުވާމީ އިދާރާތަކުގެ މިންގަނޑުތަކާއި އެއްގޮތަށް ޝާއިއުކޮށްފައިވާ މައުލޫމާތުކަން ކަށަވަރުކުރުމަކީ ނޫސްވެރިންގެ ފަރުދީ އަދި ޕްރޮފެޝަނަލަ ޒިންމާއެއްކަން ރާއްޖޭގެ ނޫސްވެރިންނާއި މީޑިއާތަކުގެ އިސްވެރިންނަށް ވަނީ ހަނދާންކޮށްދީފައެވެ.

އެގޮތުން ކޮވިޑާ ގުޅޭ ހަބަރާއި މައުލޫމާތު ފެތުރުމުގައި ނޫސްވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ކޮންމެހެން ހިފަހައްޓަންޖެހޭ އުސޫލުތައް ބަޔާންކުރުމަށް އެ ކައުންސިލުން އެކުލަވާލާފައިވާ ކޮވިޑް-19 ނޫސްވެރިންގެ އަތްމަތީ ފޮތުގައި ދީފައިވާ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށްވެސް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ވެކްސިނަށް އާންމުން އިތުރަށް ހޭލުންތެރިކުރުމަށާއި ސައްހަ މައުލޫމާތު މިހާރުވެސް ގެނެސްދޭ މީޑިއާތަކުގެ މަސައްކަތް މީޑިއާ ކައުންސިލުން ވަނީ ފާހަގަކޮށް، އެގޮތުގެ މަތިން ގެނެސްދޭ ކޮންޓެންޓް މިހާރަށް ވުރެ އިތުރުކުރުމަށް އެ ކައުންސިލުން ވަނީ މީޑިއާ ތަކަށް ބާރުއަޅައިފައެވެ.