ކޮވިޑް-19 އަށް ޕޮޒިޓިވްވާ ބަލިމީހުންނަށް ފަރުވާދިނުމަށް ގާއިމް ކޮށްފައިވާ އެނދުތައް އޮކިއުޕައި ވަމުންދާ މިންވަރު އިތުރުވަމުން ގޮސް، ރާއްޖޭގެ އެކި ހިސާބުތަކުގައި 207 މީހަކަށް ކޮވިޑް ފެސިލިޓީތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެޗްއީއޯސީން ބުނީ މާލެ ސަރަހައްދުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 8 އައިސީޔޫ އާއި ޖުމްލަ 242 އެނދު ހުރި ކަމަށެވެ. އޭގެ ތެރެއިން މިވަގުތު 189 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދާއިރު ބާކީ ހުރީ 53 އެނދެވެ.

މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި 9 އެނދު ހުރިއިރު ދެމީހަކަށް ވަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރު ގައެވެ. ޑީއެޗް16ގައި 10 އެނދު ހުރި އިރު، 7 މީހަކަށް ދަނީ އެޑްމިޓްކޮށް ފަރުވާ ދެމުނެވެ.

އަތޮޅުތެރޭގެ ބެޑް ކެޕޭސިޓީއަށް ބަލާލާއިރު، ށ. ފުނަދޫގައި 20 އައިސީޔޫ އަދި 37 އައިސޮލޭޝަން، ބ. އޭދަފުށި ކޮވިޑް ފެސިލިޓީގައި 20 އައިސީޔޫ އަދި 25 އައިސޮލޭޝަން، ގއ. ވިލިގިލި ކޮވިޑް ފެސިލިޓީގައި 18 އައިސީޔޫ އަދި 5 އައިސޮލޭޝަން ހުރިއިރު، އެ ފެސިލިޓީގައި އެކަކަށް ދަނީ ފަރުވާ ދެމުންނެވެ. ލ.ގަން ކޮވިޑް ފެސިލިޓީގައި 15 އައިސީޔޫ އަދި 13 އައިސޮލޭޝަން ހުރިއިރު 8 މީހަކު އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުނެވެ.

ރީޖަނަލް ކޮވިޑް ފެސިލިޓީތަކަށް ބަލާލާއިރު، ފުވައްމުލަކު ފެސިލިޓީގައި 3 އައިސީޔޫ ބެޑާއި 5 އައިސޮލޭޝަން ބެޑް އެބަހުއްޓެވެ. މި ދެ ފެސިލިޓީއަކީ ޓްރާންސިޓް ފެސިލިޓީތަކެެވެ.

ކޮވިޑް ބަލީގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު، މި އަހަރު ފެށުނީއްސުރެ ކޮވިޑް ކޭސްތައް ފަންސާހުން ދަށަށް ދިޔައީ އެންމެ ދުވަހަކުއެވެ. ފުރަތަމަ 20 ދުވަހު ފަންސާހުން މަތީގައި އަދަދުތައް ހުރިއިރު މިދިޔަ 17 ދުވަހު ކޮވިޑް ކޭސްތައް ހުރީ ސަތޭކައިން މަތީގައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 16،783 އަށް އަރާފައި ވާއިރު، އޭގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 14،604 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދުވެސް ވަނީ 2117 އަށް އަރާފައެވެ.

ޕޮޒިޓިވްވާ މީހުން އިތުރު ވާއިރު، ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 55 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 48 ދިވެހިންނާއި 7 ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ޕިލިޕީންސް މީހެކެވެ. މަރުވި 55 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު މަރުވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.