މިއަހަރުގެ އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިމަހު 26 އިން 28 އަށް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި ޕޫނޭ އިންޓާނޭޝަނަލް ސެންޓާ ގުޅިގެން ބާއްވާ އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި އިންޑިއާ ސަރުކާރުގެ ދައުވަތަކަށް މިނިސްޓާ ޝާހިދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
ކޮވިޑް-19 އަށްފަހު ބައިނަލްއަގްވާމީ ވިޔަފާރިއާއި މާލީ ކަންތައްތައް ބަދަލުވެގެންދާނެ ގޮތުގެ މައްޗަށް އަލިއަޅުވާލައި މިއަހަރު ބާއްވާ މި ބައްދަލުވުމުގައި މިމަހުގެ 28 ވަނަ ދުވަހު އޮންނަ ޕެނަލްގައި މިނިސްޓާ ޝާހިދު ބައިވެރިވެ ވަޑައިގަންނަވާނީ ވާޗުއަލްކޮށް ކަމަށް މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި މިނިސްޓާ ޝާހިދުގެ އިތުރުން އިންޑިއާގެ ހާރިޖީ ވަޒީރާއި މި ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި މާލީ އަދި އިގްތިސާދީ މާހިރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
މިއީ އޭޝިއާ އިކޮނޮމިކް ޑައިލޮގް ބާއްވާ 5 ވަނަ ފަހަރެވެ. އިންޑިއާގެ ހާރިޖިއްޔާއާއި ގުޅިގެން މި ޑައިލޮގް އިންތިޒާމްކުރާ ޕޫނޭ އިންޓާނޭޝަނަލް ސެންޓަރަކީ 2011 ވަނަ އަހަރު ލޯންޗްކުރި ތިންކް ޓޭންކެއް ކަމަށް ފޮރިމް މިނިސްޓްރީން ބުނެއެވެ.