ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިންޑިއާގައި އުފައްދާ ވެކްސިން، މިހާރުވެސް 15 ގައުމަކަށް ފޯރުކޮށްދީފައި ވާއިރު، އިތުރު 25 ގައުމެއް ކިއުގައި އެބައޮތް ކަމަށް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓާ އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޖައިޝަންކަރު ވިދާޅުވީ އިންޑިއާގައި އުފައްދާ ވެކްސިން ހޯދުމަށް 3 ގިންތިއަކުން ގައުމުތަކުން އެދެމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ފަގީރު ގައުމުތަކާއި، އަގުތަކަށް "ސެންސިޓިވް" ގައުމުތަކުގެ އިތުރުން، ބޭސް އުފައްދާ ކުންފުނިތަކާ ސީދާ ގޮތުން މުއާމަލާތު ކުރަމުން އަންނަ ގައުމުތައް ހިމެނޭ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، ބައެއް ގައުމުތަކަށް ވެކްސިން ފޯރުކޮށްދެނީ ގްރާންޓް އުސޫލުން ކަމަށް ވާއިރު، އަނެއް ބައި ގައުމުތަކުން ވެކްސިން ބޭނުން ވަނީ، ވެކްސިން އުފައްދާ ފަރާތްތަކުގެ އަތުން އިންޑިއާގެ ސަރުކާރުން ވެކްސިން ގަންނަ އަގުގައި ކަމަށެވެ. އަދި އަނެއް ބައި ގައުމުތަކަކީ، ވެކްސިން އުފައްދާ ފަރާތްތަކާ ސީދާ ގޮތުން، ވިޔަފާރި އުސޫލުން މަޝްވަރާ ކުރަމުން އަންނަ ގައުމުތައް ކަމަށް ޖައިޝަންކަރު ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.

އިންޑިއާގައި ގައުމީ ފެންވަރުގައި ކޮވިޑް ވެކްސިން ކެމްޕޭން ފަށާފައި ވާއިރު، ކުއްލި ހާލަތުގައި ބޭނުން ކުރުމަށް އިންޑިއާގެ ޑްރަގް ރެގިއުލޭޓަރުން ވަނީ 2 ވެކްސިނަކަށް ރުހުން ދީފައެވެ. އެއީ އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ކޮވެކްސިންއާއި، އޮކްސްފޯޑް/އަސްޓްރާޒެނީކާގެ ފޯމިއުލާއަށް ތައްޔާރު ކުރާ ކޮވިޝީލްޑް ވެކްސިނެވެ.

ބޭސް އުފައްދާ ކުންފުނި، "ޑޮކްޓާ ރެޑީޒް" އިން ވަނީ، ރަޝިއާއިން ތަރައްގީ ކުރި "ސްޕަޓްނިކް-5"ގެ ވެކްސިނަށް ރުހުން ހޯދުމަށް އެދި، އިންޑިއާގެ ޑްރަގް ރެގިއުލޭޓަރަށް ހުށަހަޅާނެ ކަން ހާމަކޮށްފައެވެ.