މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ ޒުވާނުންނެވެ. ގައުމުގެ މުސްތަގުބަލު ބިނާ ކުރާނެ ބަޔަކީ އެއީއެވެ. ޅަ އިރުގައި ހިމާޔަތް ދޭން ޖެހޭ ބައެކެވެ. އަނިޔާއާ ފުރައްސާރައާ ދުރުކުރަން ޖެހޭ ބައެކެވެ. އެ ކުދިންގެ ހައްގުގައި ތެދުވެ ބަސް ބުނަން ޖެހެނީ އެހެން ބައެކެވެ. އަމިއްލަ ފައި މައްޗަށް ތެދުވެވި، އަމިއްލައަށް ރައްކާތެރިކަން ހޯދާ، ހައްގުތަކަށް ވަކާލާތު ކުރެވެން ދެން މާމަގެ ފައްޓަރު ބައި ހިމާޔަތް ކުރާ ފަދައިން އެ ކުދިން ހިމާޔަތް ކުރަން ޖެހެއެވެ.

އެހެނަސް، މިއަދު ފެންނަނީ ކުޑަކުދިން ހިމާޔަތް ކުރަން ޖެހޭ މިންވަރަށް ހިމާޔަތް ކުރެވޭ މަންޒަރެއް ނޫނެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ މުޅިން އާ ވާހަކައެއް އަޑު ނީވޭ އެންމެ ދުވަހެއް ވެސް ނާދެއެވެ. ޖިންސީ ގޯނާގެ ވާހަކައެވެ. ހައްގުތައް ނިގުޅައިގަތުމުގެ ވާހަކައެވެ. ގެވެށި އަނިޔާގެ ވާހަކައެވެ. ގިނަ ފަހަރަށް މި އަނިޔާތައް އެ ކުދިންނަށް ދެނީ، އެ ކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ތިބި މީހުންނެވެ.

ކުޑަކުދިންނަށް ލިބެމުންދާ އަނިޔާތަކުގެ ތަފާސްހިސާބުތަކަށް ބަލާލުމުން މިކަމަށް ހެކި ދެއެވެ. ނިމިދިޔަ 2020 ވަނަ އަހަރު އެކަނިވެސް ކުޑަކުދިންނާ ގުޅުން ހުރި 1887 މައްސަލައެއް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސާވިސްއަށް ހުށަހަޅާފައި އެބަވެއެވެ. އޭގެ ތެރެއިން ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. އަނިޔާގެ 1283 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އޭގެ ތެރެއިން 342 މައްސަލައަކީ ގެވެށި އަނިޔާގެ މައްސަލަތަކެވެ.

ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއްގެ ސްކްރީން ޝޮޓެއް

ދެން އެންމެ ގިނައީ އާއިލީ މައްސަލައެވެ. އެ ބާވަތުގެ 279 މައްސަލަ ހުށަހަޅާފައި ވާއިރު، 99 އަހްލާގީ މައްސަކަ، އަމިއްލަ ނަފްސަށް ގެއްލުން ދޭން އުޅުމުގެ 82 މައްސަކަ، ގާނޫނާ ގަވައިދާ ހިލާފުވި 71 މައްސަލައެއްގެ އިތުރުން ހައްގުތަކާ ގުޅުންހުރި 71 މައްސަލައެއް ވެސް ހުށަހެޅިއެވެ. ހަމައެއާއެކު 2 ކުއްޖަކު ގެއްލިގެން ވެސް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސާވިސްއަށް ހުށަހެޅިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ ކޮންމެ ދުވަހަކު އަޑު އިވޭ ވާހަކަތަކެވެ. އާންމު ގޮތެއްގައި ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަދަ މަގާމެއްގައި ހުރެ ޖިންސީ ގޯނާ ކުރާ ވާހަކައެވެ. ބައްޕަ، ދޮން ބައްޕަ، ބޮޑުބެ، ޅިއަނު، ބޭބެ، ދައްދަ، ބޮޑު ދައިތަ، ދޮން ބައްޕަ، މަންމަ، ގާތް އަވައްޓެރިއެއް، ޓީޗަރެއް، މިހެން މިހެން ގޮސް ހައްތަހާވެސް ގާތް މީހުންގެ ވާހަކައެވެ.

ނިމިދިޔަ 2020 ވަނަ އަހަރު އެކަނިވެސް 461 ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ރިޕޯޓްކޮށްފައި އެބަ ހުއްޓެވެ. އެއީ 354 އަންހެން ކުދިންނާއި، 107 ފިރިހެން ކުދިންނެވެ. އެންމެ ގިނަ މައްސަލަތައް ރިޕޯޓް ކުރީ ޖެނުއަރީ މަހެވެ. އެއީ:

  • ޖެނުއަރީ: 48
  • ފެބްރުއަރީ: 71
  • މާޗް: 42
  • އޭޕްރީލް: 13
  • މޭ: 17
  • ޖޫން: 36
  • ޖުލައި: 36
  • އޮގަސްޓް: 36
  • ސެޕްޓެމްބަރު: 44
  • އޮކްޓޯބަރު: 38
  • ނޮވެމްބަރު: 43
  • ޑިސެމްބަރު 37 އެވެ.
މާޔޫސްވެފައި، ބިރުގެންފައި ހުރި ކުޑަކުއްޖެއް

މި ކިޔައިދިނީ ހަމައެކަނި ނަންބަރުތަކެއް ނޫނެވެ. މި ކިޔައިދިނީ މިއަދުގެ މުޖުތަމައުގައި ކުޑަކުދިންނަށް ނުރައްކާ ކުރިމަތިވެފައިވާ މިންވަރުގެ ވާހަކައެވެ. މިއީ ހަމައެކަނި ރިޕޯޓު ކުރި އަދަދެވެ. ރިޕޯޓު ނުކޮށް، ސިއްރިއްޔާތުގައި މިދަފަ އަނިޔާތައް ތަހައްމަލު ކުރަމުންދާ ކުދިން އަދި ކޮބާ ހެއްޔެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކަކީ އެ ކުދިންގެ ހެދި ބޮޑުވުމަށް އޭގެ ބޮޑު އަސަރެއް ކުރާ ކަމެކެވެ. ފަހަރުގައި ވަގުތުން ވަގުތަށް އެ އަނިޔާތަކުގެ ސަބަބުން އެ ކުދިންނަށް ކުރާ އަސަރު ނުފެނިދާނެއެވެ. އެ ކުދިން ބޮޑުވެ، ޒުވާން އުމުރުގައި ވެސް އެ އަނިޔާތަކުގެ އަސަރު ތަހައްމަލު ކުރަން ޖެހިދާނެއެވެ. ޖިންސީ ގޯނާއަށް ބަލާލާނަމަ ކުޑައިރު ލިބޭ ގޯނާތަކުގެ އަސަރު، އެ ކުދިން ބޮޑުވެ، އަމިއްލަ ޒަވާޖީ ހަޔާތެއް ފަށާ ހިސާބަށް ދާއިރު ވެސް ހުންނާނެއެވެ.

އެހެންކަމުން، ކުޑަކުދިންނަށް ކުރާ އެއްވެސް އަނިޔާއަކީ އެއީ ކުޑަ ކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން، އެ ކުދިންގެ މުޅި ދިރިއުޅުން ހަލާކު ކޮށްލާނެ ކަމެކެވެ. އެއީ އެކަމުގެ ސަބަބުން މި ގައުމުގެ މުސްތަގުބަލު ބަނަކޮށްލާނެ ކަމެކެވެ. މިއަދު ކުޑަކުދިންނަކީ މާދަމާގެ ޒުވާނުންނެނެވެ. ގައުމުގެ މުސްތަގުބަލެވެ. ކޮންމެ ހާލެއްގައި ވެސް ހިމާޔަތް ކުރަން ޖެހޭ ބައެކެވެ.