މަޖީދީ މަގުގައި އިދިކޮޅުގެ އިހުތިޖާޖެއް ކުރިއަށް އެބަދެއެވެ.
އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެންބަރުން މަޖީދީ މަގުގައި އިހުތިޖާޖު ކުރަމުން ދަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައެވެ. އަދި އެމަނިކުފާނަށް ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށާއި އަދުލު އިންސާފު ގާއިމު ކުރުމަށް ވެސް އިދިކޮޅު މެންބަރުން ދަނީ ގޮވާލަމުންނެވެ.
އިދިކޮޅު މެންބަރުން މިއަދު އިހުތިޖާޖު ކުރުމަށް ފުރަތަމަ ގޮސްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ކުރިމައްޗަށެވެ. ނަމަވެސް ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިން އެ ސަރަހައްދުން ދުރުކޮށްފައެވެ.
މިހާރު އިހުތިޖާޖުުގެ ބައިވެރިން ދަނީ މަޖީދީ މަގުން އާޓިފިޝަލް ބީޗާ ދިމާލަށެވެ. އިހުތިޖާޖުގެ ބައިވެރިން މަޖީދީމަގުން ގޮސް، އެހެން ގޯޅިތަކަށް އެޅިޔަ ނުދިނުމަށް ފުލުހުން ދަނީ ގޯޅިތައް ކަންމަތީ ފޯރިމަރަމުންނެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ، މާލެ މަގުމަތީގައި އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަމުން ދަނީ މިމަހު 21 ވަނަ ދުވަހު ހައިކޯޓުން، އެމަނިކުފާނަށް ހުކުމް ކުރުމާ ގުޅިގެންނެވެ. ނޮވެމްބަރު 2019ގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި 5 އަހަރަށް ޖަލަށްލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުން ދެމެހެއްޓުމަށެވެ.
ރައީސް ޔާމީނަށް ހުކުމްކޮށްފައި ވަނީ ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔަރުންގެ ބެންޗުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެގޮތުން އިސް ފަނޑިޔާރު މުހައްމަދު މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު އެއްގޮތް އިރު، ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔު ތަފާތެވެ. ފަނޑިޔާރު ޝަހީދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކުރަން ޖެހޭ ކަމަށެވެ.
ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 5 އަހަރު ދުވަހަށް ޖަލަށް ލުމަށާއި، 5 މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) ޖޫރިމަނާ ކުރުމަށެވެ.