ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން އަޅަން ގަސްދު ކޮށްފައި ވާ 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނީ އެ މަޝްރޫގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ ކަމަށެވެ. އެ ކުންފުންޏާ އެމަސައްކަތް ހަވާލު ކުރީ 2 އަހަރާއި ބައިން ނިންމުމަށެވެ.

އެފޯޑަބްލް ހައުސިން ޔުނިޓްތަކުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.

ބޯހިޔާވަހިކަމަށް ހައްލު ހޯދަން މަދުވެގެން 5،000 ފްލެޓު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށްޓަވާނެ ކަމަށާއި އެ ހައުސިން ޔުނިޓްތަކަކީ ކުރިން ތަރައްގީކޮށްފައިވާ ގިންތީގެ ހައުސިން ޔުނިޓްތަކާ އަޅާބަލާއިރު ސައިޒުގެ ގޮތުން ތަނަވަސް އަދި ނިސްބަތުން އަގު ހެޔޮ ޔުނިޓްތަކަކަށް ވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

2000 ޔުނިޓުގެ މަޝްރޫގައި ސޮއި ކޮށްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހެވެ. އެ މަޝްރޫއުގެ ދަށުން 3 ބެޑްރޫމް އަދި 3 ފާހަނާގެ 1400 ޔުނިޓާއި، 2 ބެޑްރޫމް އަދި 2 ފާހަނާގެ 600 ޔުނިޓު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫއުގެ 85-100 ޕަސެންޓް ފައިނޭންސް ކުރާނީ ކޮންޓްރެކްޓަރު ކަމަށް އެފްޑީސީން ބުނެއެވެ.

2000 ޔުނިޓް ހަވާލު ކުރި އިންޑިއާގެ ކުންފުންޏަކީ 2018 ވަނަ އަހަރު 1 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ކޮންސޮލިޑޭޓެޑް ރެވެނިއު ޖެނެރޭޓް ކޮށްފައިވާ ބްލޫ-ޗިޕް ކުންފުންޏެކެވެ. އިންޑިއާ ކުންފުނި (އެންބީސީސީ) އަކީ ޕްރޮޖެކްޓް މެނޭޖްމެންޓް ކޮންސަލްޓެންސީ، ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓް އަދި އީޕީސީ ކޮންޓްރެކްޓިން ފަދަ މަސައްކަތްތަކުގައި ހުނަރު ވަރުގަދަ ކުންފުންޏެއް ކަމަށް މައުލޫމާތު ލިބެއެވެ.

އަދި ދިވެހިރާއްޖޭގައި އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ހިންގޭ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އައްޑޫ ސިޓީ ނެޝަނަލް ކޮލެޖް ފޯ ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒް (އެންސީޕީއެލްއީއެސް) ގެ މަސައްކަތް ފުރިހަމަ ކުރުމުގައިވެސް އެންބީސީސީގެ ބައިވެރިވުން ހިމެނެއެވެ.

އެންބީސީސީ އިން ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ހައި-ވެލިއު މަޝްރޫއުތަކެއް ފުރިހަމަ ކޮށްފައެވެ. އޭގެ ތެރޭގައި މޮރިޝަސްގެ ޕޯޓް ލުއިސް ގައި ހުންނަ އެގައުމުގެ ސުޕްރީމް ކޯޓު އިމާރާތުގެ މަސައްކަތާއި ނޮވެމްބަރު 2020 ގައި އޯއައިސީ މިނިސްޓަރުންގެ ބައްދަލުވުން ބޭއްވި އިމާރާތް ކަމުގައިވާ ނައިޖާގެ ނިއާމޭގައި ހުންނަ މަހާތުމާ ގާންދީ އިންޓަނޭޝަނަލް ކޮންވެމްންޝަން ސެންޓަރު ބިނާކުރުމުގެ މަސައްކަތް ހިމެނެއެވެ.