ކޮވިޑް-19ގެ މި ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކޮށްފިއެވެ.
އެޗްޕީއޭން ރޭ އާންމު ކުރި އުސޫލުގައި ބުނީ އިންތިހާބުގެ ކަންކަމުގައި ހަރަކާތްތެރި ވާ މުވައްޒަފުން، ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހެއްގެ ކޮންޓެކްޓަކަށް ވުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި މަދު މީހުން އެއްވެ، ގްރޫޕް ހަދައިގެން މަސައްކަތް ކުރުން ފަދަ އިންތިޒާމްތައް ހަމަޖައްސަން ޖެހޭނެ ކަމަށާއި އިންތިހާބުގެ މަސައްކަތް ހުއްޓުމަކަށް އަޔަ ނުދިނުމަށް ބެކަޕް މަސައްކަތްތެރިންގެ ޓީމެއް ބަަހައްޓަން ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ.
އަދި ވޯޓުލާ މަރުކަޒު ތަކަށް ދާ މީހުންނާއި، މަސައްކަތުގައި ހަރަކާތްތެރި ވާ މީހުންގެ މެދުގައި ކޮވިޑް ފެތުރުން ކުޑަކުރުމަށްޓަކައި ވޯޓުލާ ތަނުގެ ތެރެއަށް އެއްފަހަރާ މީހުން ވަންނަ އަދަދަދާއި ކިޔޫގައި ތިބޭ މީހުންގެ އަދަދު މަދުކުރުމަށް ވޯޓުލާ ގަޑި އިތުރުކުރުމަށް ވެސް އެ އއުސޫލުގައި ވެއެވެ. އެ ސަބަބަށްޓަކައި ވޯޓުލާ މަރުކަޒުތައް އިތުރުކުރުމުގެ އިންތިޒާމްތައް ހަމަޖައްސަން ވެސް އެ އުސޫލުގައި ބުނެފައި ވެއެވެ.
އޭގެ އިތުރުން ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ސެނިޓައިޒާ ބެހެއްޓުމާއި، ގައިދުރުކަން ބަހައްޓާފައިވާކަން ކަށަވަރު ކުރަން ސުޕަވައިޒަރުން ހިމެނެއެވެ. އަދި ތަނުގެ ކުޑަދޮރުތައް ހުޅުވާފައިި ބެހެއްޓުމާއި، ގޮނޑިތައް ދުރުދުރުގައި ބެހެއްޓުމުގެ އިތުރުން ވޯޓުުލުމަށް ފަހު މަރުކަޒުގައި އެއްވެ ނިތިބުމަށް ފިޔަވަޅު އެޅުމަށްވެސް އެ އުސޫލުގައި ބުނެއެވެ.
އިންތިހާބު ބޭއްވުމަށް ބޭނުންވާ ލިސްޓުތަކާއި ލިޔުންތައް އޮންލައިންކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމާއި، ގަލަމާއި ފަންސުރާއި އެފަދަ އެހެނިހެން ތަކެތި އޮފިޝަލުންނަށް ވަކިން ކަނޑައަޅާފައި ބެހެއްޓުންވެސް އެ އުސޫލުގައި ވެއެވެ. އިންތިހާބަށް މަސައްކަތް ކުރުމަށް މީހުން ހޮވާއިރު، އެ ރަށެއްގައި ތިބެގެން މަސައްކަތް ކުރެވޭނެ ފަދަ މީހުންނަށް އިސްކަން ދިނުމަށް އުސޫލުގައި ވެއެވެ. އަދި އެ ފަރާތްތަކަށް ހިންގާ ތަމްރީނުތައް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށްވެސް އެ އުސޫލުގައި ބުނެއެވެ.
މަސައްކަތުގައި އުޅޭ މީހުން އެއްވެސް އަލާމާާތެއް ފެންނަ ނަމަ ވަގުތުން މަސައްކަތުން އެކަހެރިވެ، ސިއްހީ ހިދުމަތްދޭ ތަނަކަށް ދާން ޖެހޭނެ ކަމަށްވެސް އުސޫލުގައި ވެއެވެ.
ކޮވިޑްއަށް ޕޮޒިޓިވްވެ އައިސޮލޭޓުކޮށްފައި ތިބި މީހުންނާއި އެ މީހުންގެ ކޮންޓެކްޓުންނާއި އަލާމާތް ހުންނަ މީހުން ވޯޓުލުމަށް ވަކި ތަނެއް ނުވަތަ ވޯޓުލާން އައުމަށް ވަކި ތަނެއް ހަމަޖެއްސުމާއި އެކަހެރިކޮށްފައި ތިބި މީހުންނަށް އެ މީހުން ތިބި ރަށެއްގައި ވޯޓުލެވޭނެ ގޮތް ހަމަޖައްސަން ޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެއެވެ. އަދި ޕޮޒިޓިވްވެފައިވާ މީހުންނަށް އެޗްޕީއޭގެ ހުއްދައާއެކު އެހެން މީހުންނާ އެކުނުވާ ގޮތަށް ވަކި ވެހިކަލެއްގައި ވޯޓުލާ މަރުކަޒަށް އައުމުގެ އިންތިޒާމު ހަމަޖެއްސިދާނެ ކަމަށްވެސް ވެއެވެ.
އުސޫލުގައިވާ ގޮތުން މޮނިޓަރިންގެ ހާލަތުގައިވާ ރަށެއްގައި ކެންޕެއިން ހަރަކާތްތައް ހިންގުމުގެ ގޮތުން ގޭގެއަށް ޒިޔާރަތް ނުކުރެވޭނެ އެވެ. އަދި ތާއީދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް މީހުންނާ ބައްދަލުކޮށް މުއާމަލާތް ކުރުމުގެ ބަދަލުގައި ބޭނުން ކުރަން ޖެހެނީ އޮންލައިން ޕްލެޓްފޯމްތަކެވެ. އަދި ކެމްޕޭން ޖަލްސާތައް ވާޗުއަލްކޮށް ބޭއްވުމަށް ބާރު އަޅާފައިވެއެވެ.
މިދިޔަ އޭޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހާ ހަމައަށް ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ފެތުރުމާ ގުޅިގެންނެވެ. މިހާރު އިންތިހާބު ބާއްވާނެ ތާރީހަކަށް ހަމަޖައްސާފައި ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހެވެ.