ކޮވިޑާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދުވެލި ހުރި ގޮތަށް ބަލާއިރު، އިގްތިސޯދު އަލުން އާރާސްތު ކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ރައްޔިތުން މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އިގްތިސޯދު އާރާސްތު ކުރުމަށް އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނެގި ނަމަވެސް، ވީއެންމެ އަވަހަކަށް ކުރީގެ ހާލަތަށް އެނބުރި ދިއުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން އިގްތިސޯދު ސިންދަފާތު ކޮށް، އިގްތިސޯދީ ހަރަކާތްތައް އެތައް ގުނައަކަށް އިތުރު ކުރުމަށް، ސަރުކާރުން މަސައްކަތް ފަށާފައި ވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯޅިހް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން، ނިސްބަތުން އިގްތިސޯދީ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމަކީ ރާއްޖެ ކަމަށެވެ. އިގްތިސޯދު ހީނަރު ވެގެން ދިޔުމުން، މުވައްޒަފުންނަށް މުސާރަ ދިނުމާއި ދިރިއުޅޭ ތަނުގެ ކުލި ދެއްކުމާއި ބިލުތައް ދައްކާނެ ގޮތަކާ މެދު ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ކަންބޮޑުވެ، ހާސް ވާނެ މިންވަރު ވަޒަން ކުރެއްވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން، ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ކަނޑައިލަ ދެއްވި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ، އަދިސަރުކާރުގެ ރިލީފް ޕެކޭޖްގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ މީހުންގެ އިތުރުން، ދިވެހިންގެ ވަޒީފާތައް ރައްކާތެރި ކުރުމަށް ޝަރުތުކޮށް، ބޮޑެތި ވިޔަފާރިތައް ވެސް ހިމެނޭ ގޮތަށް، 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައި ވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ހައުސިން ލޯންތަކަށް ލުއި ދީ، މަތީ ތައުލީމަށް ދޫކޮށްފައި ހުރި ލޯނުތައް ދައްކަން ޖެހޭ މުއްދަތު ވެސް ފަސް ކޮށްދީފައި ވާނެ ކަމަށެވެ އޭގެ އިތުރުން ޓޫރިޒަމަށް ދޫކޮށްފައި ހުރި ބިންތަކާއި ރަށްތަކުގެ ބިމު ކުލި ދެއްކުން ވެސް 6 މަސް ދުވަސް ފަސްކޮށް ދީފައި ވާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު ކޮވިޑްގެ ސަބަބުން ރާއްޖެ ނާދެވި، 15 ގައުމެއްގައި ތިބި ދިވެހިންގެ ތެރެއިން 2421 ދިވެހިން އަނބުރާ ރާއްޖެ ގެނެސް ދީފައިވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން، މިދިޔަ ޑިސެންބަރު މަހުގެ ނިޔަލަށް، 17147 މީހަކަށް، 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި އަހަރުގެ ތެރޭގައި ވެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯން ދޫކުރުމަށް ސަރުކާރުން ވާނީ ނިންމާފައި ކަމަށެވެ. އަދި އެކަމަށްޓަކައި މި އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތަކުގެ ތެރެއިން، ކޮންސްޓްރަކްޝަން ދާއިރާއަށް ވެސް، ކޮވިޑްގެ ދަތިކަމުގެ ތެރޭގައި ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. އަދި މިއީ ވެސް ވަރަށް ގިނަ ބަޔަކު ހިއްސާވާ، އަދި ވަރަށް ގިނަ ބައެއްގެ އާމްދަނީއާ ގުޅިފައިވާ ދާއިރާއަކަށް ވާތީ، ކޮވިޑްގެ ތެރޭގައި ލިބުނު ގެއްލުންތަކުން އަރައި ގަތުމަށް، މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް، ކޮންސްޓްރަކްޝަން ދާއިރާގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައި ވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.