މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭ ފެށިގެން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ދަތުރުފަތުރުގެ ނިޒަމް ތަރައްގީ ކުރުމުގެ ގޮތުން ކުރަން ނިންމާފައިވާ މަސައްކަތްތައް އިއުލާން ކުރައްވާފައެވެ. އެ ގޮތުން މާލެއާއި ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖްގެ މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މައްސަކަތް ކުރުމަށް މި އަހަރުގެ ބަޖެޓުގައި 469 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާނެ ކަމަށް ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ 2021 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން ދެއްވި ބަޔާނުގައި ވިދާޅުވެފައެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް 6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި ބްރިޖްގެ މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި 469 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާ އިރު މި އަހަރުގެ ތެރޭގައި މި ބްރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދީފައެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދަން ނިންމާފައިވާ މާލެއާއި ތިލަފުށި ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހު ފެށޭނެ ކަމަށް ޕްލޭނިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. މިދިޔަ އަހަރު ތެރޭ ސަރުކާރުން ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި ތަފްސީލް ތަކުގައި ވާ ގޮތުގައި ބުރިޖް މަޝްރޫއަށް 7.6 ބިލިއަން ރުފިޔާ ހަރަދުވާނެއެވެ.