ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ، މައްސަލަތައް ނިންމުމުގެ މިނިވަންކަން، އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމައަށް، މިހާރު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ މީގެ ދެ އަހަރު ކުރިން ވެރިކަމާ ހަވާލުވި އިރު އަދުލު އިންސާފުގެ ނިޒާމަށް، ރައްޔިތުންގެ ހިތުގައި އެއްވެސް އިތުބާރެއް ނެތް ކަމަށެވެ. އަދި ފަނޑިޔާރުގެ އިސްލާހު ކުރުމަށް މިދިޔަ 2 އަހަރު ކުރި މަސައްކަތުގެ ނަތީޖާ ފެންނަން ފަށައިފި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ، މައްސަލަތައް ނިންމުމުގެ މިނިވަންކަން، އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމައަށް، މިހާރު އެބައޮތް ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ ޝަރުއީ މަރުހަލާ އަވަސްކޮށް، އިންސާފު ލިބޭނެ އިންތިޒާމް ކަށަވަރު ކުރުމަށްޓަކައި، ސާކިޓް ކޯޓް ތައާރަފް ކުރުމަށް ބޭނުންވާ ގާނޫނުގެ ބިލު އެކުލަވާލައި، މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ޝަރުއީ ދާއިރާއަކީ ނުފޫޒުން އެއްކިބާވެފައިވާ ދާއިރާއަކަށް ހަދާ، ކޯޓުތައް އިސްލާހު ކުރުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި އެކުލަވާލާފައިވާ އެންމެ ބޮޑު އެއް ކަމެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރަން ނުކުމެ ތިބި އިރު، މިކަމުގައި އެމަނިކުފާނާއި ސަރުކާރަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ، މަޖިލީހުން ކަމަށެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ މަޖިލީސް މެންބަރުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.