ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 9430 ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތު ވާނީ ފަހިކޮށް ދީފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ ތަރައްގީގެ ފަލްސަފާއަކީ ގައުމު ކުރި އަރުވައި ތަރައްގީ ކުރުމަށްޓަކައި، ތަރައްގީގެ ވިސްނުން ހުރި ޒުވާން ތައުލީމީ ޖީލެއް ބިނާ ކުރުން ކަމަށެވެ. އަދި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ ސްކީމާއި، މަތީ ތައުލީމަށް ހުޅުވައިލި ލޯނުގެ ފުރުސަތުތަކަކީ، މިފަދަ ޒުވާން ޖީލެއް އުފެއްދުމަށްޓަކައި، ކުރެވޭ ވަރަށް އަގުހުރި އިންވެސްޓެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 9430 ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހި ކޮށް ދެވިއްޖެ ކަމަށް އެމަނިކުފަނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ކޮވިޑުގެ ސަބަބުން އިގްތިސާދު އެންމެ ބޮޑަށް ހީނަރުވެގެން ދިޔަ ވަގުތުވެސް، މަތީ ތައުލީމުގެ ސްކޮލާޝިޕްތަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ލޯނުތައް މެދުކަނޑާ ނުލައި ކުރިއަށް ގެންގޮސްފައި ވަނީ އެ ސަބަބަށްޓަކައި ކަމަށެވެ. އަދި ފުރަބަންދުގެ ހާލަތުގައި، ސްކޫލް މަދަރުސާތަކުގެ ކިޔެވުން، މުޅިން ހުއްޓާނުލައި އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ، ދަރިންނަށް ކިޔަވައި ދިނުމަކީ ގައުމު ކުރިއެރުވުމުގެ ބިންގާކަމަށް ވާތީ ކަމަށެވެ.
ރިޔަސީ ބަޔާން ދެއްވަމުން ރައީސް ސޯލިހް އިތުރާށް ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި ވެސް، މަތީ ތައުލީމާއި ތަމްރީނަށް 550 ލޯނުގެ ފުރުސަތު ހުޅުވައިލާފައި ވާ ކަމަށެވެ. އަދި މިހާރު އެ އަދަދު 770 އަށް އިތުރު ކޮށްފައިވާ ކަމަށާއި، އެ ލޯނުތަކަށް ކުރިމަތިލުމަށް މިއަންނަ ހަފުތާގައި އިއުލާން ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާ ތަމްރީނު ހޯދަން ބޭނުންވާ ޒުވާނުންނަށް، ދޭ ލޯނުގެ ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ހާއްސަ ކެޓެގަރީއެއް މިހާރު ހިމަނާފައިވާނެ ކަމަށެވެ. އަދި އެއީ ޒުވާނުން ބިނާ ކުރުމުގަޔާއި، ގައުމު އާރާސްތު ކުރުމުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.