މިއަހަރު ނިމުމުގެ ކުރިން ކުރިން އިއުލާން ކުރި 3000 ހައުސިން ޔުނިޓްގެ އިތުރުން 2000 ހައުސިން ޔުނިޓާ އެކު ޖުމްލަ 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުން މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ާލޭގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް ރޭވި މަޝްރޫތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށްފަހު އެ މަޝްރޫއުތަކުގެ މަސައްކަތް މިހާރު ކުރިއަށް އެބަދާ ކަމަށެވެ. އޭގެ ތެރެއިން، 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށަފައިވާ ކަމަށާއި އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިހަފުތާގައި ވާނީ ސޮއިކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ އަހަރު އަޅާނެކަމަށް ލަފާކުރި 3000 ހައުސިން ޔުނިޓުގެ އިތުރުން 2000 ހައުސިން ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މާލެ ސަރަޙައްދުގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫއެއް ފެށުމަށް ޕްލޭންކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިޔުނިޓްތަކުގެ އަމަލީ މަސައްކަތް މި އަހަރު މެއި މަހުގެ ތެރޭގައި ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ހައުސިން ޔުނިޓުތަކަކީ ކުރިން ތަރައްގީ ކޮށްފައިވާ މިގިންތީގެ ހައުސިން ޔުނިޓުތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުން ތަނަވަސް އަދި ނިސްބަތުން އަގު ވެސް ހެޔޮ ޔުނިޓުތަކަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލެއާއި އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، ޅ. ނައިފަރާއި ބ. ތުޅާދޫ އަދި ތ. ތިމަރަފުށީގައި މި ސަރުކާރުން ހަދާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރިއަށް އެބަދާ ކަމަށެވެ. އަދި މ. ކޮޅުފުށީގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން ކަމަށާއި މިއިން ކޮންމެ ރަށެއްގައި 100 ހައުސިން ޔުނިޓް ހަދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.