މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެލުލަވާލި ކޮމެޓީގެ ރައީސް އަކަށް ގދ. ފަރެސްމާތޮޑާ، ބަގީޗާގެ، ފަރީޝާ އަބްދުﷲ އައްޔަން ކުރައްވައިފިއެވެ.
ފަރީޝާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުންނެވެ.
މަރުކޮމިޝަން އުފެއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު އިސްލާހު ކުރައްވާ މިއަދު އާންމު ކުރެއްވި ގަރާރުން ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ފަރީޝާ އާއެކު އިތުރު ދެ ބޭފުޅަކު ވަނީ އައްޔަނު ކުރައްވާފައެވެ. އެބޭފުޅުންނަކީ އަހުމަދު ނާޝިދު، މއ ގޯލްޑަންމޫން އާއި މިސްބާހު އައްބާސް، ބަހާރީވިލާ، ގދ. ރަތަފަންދޫ އެވެ.
ރައީސްގެ ގަރާރުގައި ވަނީ މަރުކޮމިޝަނުން ބަލަންޖެހޭ ކަންތައް ކަމަށް އާންމު ރައްޔިތުންނަށް ފެންނަ މައްސަލަތައް އެ ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ އަދި ކޮމިޝަނުން ބަލަން ނިންމާ މައްސަލަތައް ތަހުގީގު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ މަސްއޫލިއްޔަތު އެ ކޮމިޝަނާ މަތިކުރައްވާ ކަމަށެވެ. ހަމައެއާއެކު އެ ކޮމިޝަނަކީ، ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާތަކުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމަށާއި ޖިނާއީ މައްސަލަތައް ތަހުގީގު ކުރާ އިދާރާއަކަށް ލިބޭ ހުރިހާ ބާރެއް ލިބޭ ކޮމިޝަނެއް ކަމަށެވެ. ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަ ވެއްޖެކަމަށް ރައީސަށް ފެނިވަޑައިގަންނަވަން ދެން އެ ކޮމިޝަން ދެމިއޮންނާނެ ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.
މަރު ކޮމިޝަން އުފެދިގެން އައި އިރު 5 މެންބަރުން ތިއްބެވިއެވެ. ނަމަވެސް މަރު ކޮމިޝަނުގެ ރައީސަކަށް ހުންނެވި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ވެވަޑައިގަތުމަށް އިސްތިއުފާ ދެއްވައި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވައި އެ ކޮމިޝަންގެ މެންބަރު އާދަމް މުހައްމަދު ވެސް އިސްތިއުފާ ދެއްވުމުން އެ ކޮމިޝަންގައި ތިއްބެވީ ތިން މެންބަރުން ނެވެ. އެ ދެބޭފުޅުންވެސް އިސްތިއުފާ ދެއްވާފައި ވަނީ ޑިސެމްބަރު 8، 2019 ގައެވެ.
މަރު ކޮމިޝަން އުފެއްދީ 2012 ޖެނުއަރީ އެކަކުން ފެށިގެން 2018 ނޮވެމްބަރު 17ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށާއި އެ މައްސަލަތަކުގައި އިންސާފު ނުލިބުނު ގިނަ މައްސަލަތަކެއް އަލުން ތަހުގީގުކޮށް އިންސާފު ގާއިމްކޮށް ދިނުމަށެވެ. އެ ކޮމިޝަން އުފެދުނު ފަހުން އެންމެ އިސްކަމެއް ދީގެން ބެލީ ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމާއި ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ.