ސަރުކާރުގެ އިދާރާތަކުން ހުޅުވާލާ ބީލަންތަކުގެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ބިޑެއްގެ މައުލޫމާތު ހާމަ ނުކުރާނަމަ އެކަން ނުކުރަން އެކަށީގެންވާ ސަބަބެއް ބަޔާން ކުރަން ޖެހޭނެ ކަމަށާއި ބީލަން ވަޒަން ކުރުމަށް ފަހު ދޭ ޕޮއިންޓް ހިމެނޭ ހުލާސާ ރިޕޯޓެއް އާންމު ކުރަން ޖެހޭނެ ކަމަށެވެ.
އެ އޮފީހުން އެ ނިންމުން ނިންމާފައި ވަނީ ރ. އަލިފުށީގެ ރޮސްޓްރަމް އަދި ދަނޑުގެ ލައިޓް ހަރުކުރުމުގެ މަސައްކަތުގެ ބީލަމުގެ މައުލޫމާތު ހޯދުމަށް އާންމު ފަރާތަކުން އެދުމުން އެ މައުލޫމާތު ކަމާބެހޭ އިދާރާއިން ހާމަކޮށްފައި ނުވާ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުންނެވެ.
އެ މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ ބީލަމެއްގެ މައުލޫމާތު ހޯދަން ރައްޔިތަކު އެދުމުން އެކަން އެ ގޮތަށް ކޮށްދިނުމަކީ އާންމު މަސްލަހަތު އެކަމުގައި އޮތް ގޮތް ކަމަަށެވެ.
އަދި އަލިފުށީގެ ރޮސްޓްރަމް އަދި ދަނޑުގެ ލައިޓް ހަރުކުރުމުގެ މަސައްކަތުގެ ބީލަމުގެ މައުލޫމާތު 10 ދުވަސްތެރޭގައި ދިނުމަށް ވެސް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.