ގދ. ތިނަދޫ އަށް ފޮނުވި ދެ މީހަކު މާލެ އައި ތަނުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އެ ރަށުން މާލެ އައި ދެ މީހެއް ކަމަށެވެ.

އެ ދެ މީހުންވެސް ކޮވިޑަށް ޕޮޒިޓިވް ވީ އެ ރަށަށް ގޮސް އެނބުރި އައި ފަހުން ކަމަށްވެސް އެޗްއީއޯސީން މައުލޫމާތު ދެއެވެ. އެޗްޕީއޭއިން ބުނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ތިނަދޫއަށް އަރާ ފޭބުން މަނާކޮށްފައި ވާ ކަމަށެވެ.

ތިނަދޫއަށް އަރާ ފޭބުން މަނާކޮށް އެ ރަށް މޮނޮޓަރިންއަށް ލާފައި ވާއިރު، މީގެ ކުރިން ހާއްސަ ހުއްދައިގެ ދަށުން ގއ. ނިލަންދޫއަށް ދިޔަ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާއިރު މި ފަހުން ކޮންމެ ދުވަހަކުވެސް 100 ވުރެ ގިނަ މީހުން ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުނެވެ.

އެކަމާއި ގުޅިގެން އުސޫލުތައް ހަރުކަށިކޮށް ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށް، އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުންވެސް މިހާރު ރަށްރަށަށް ދެވޭނީ ކޮވިޑްގެ ނެގެޓިވް ނަތީޖާއަކާއެކު ކަމަށް ވަނީ ނިންމާފައެވެ.