މި ސަރުކާރަށް ކުރަން އެނގޭ ހަމައެކަނި ކަމަކީ ޖިންސީ ފުރައްސާރަ ކުރުމާއި ވައްކަން ކުރުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާލުވެއްޖެއެވެ.
ޝިޔާމް ވިދާޅުވީ މި ސަރުކާރަށް ކުރަން އެނގެނީ މައިގަނޑު 2 ކަމެއް ކަމަށާ އެއީ ޖިންސީ ފުރައްސާރަ ކުރުމާއި ވައްކަން ކުރުން ކަމަށެވެ. އެހެންކަމުން މާދަމާ އޮންނަ މި އަހަރުގެ ރިޔާސީ ބަޔާން އިއްވައިދިނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަމަށް އަލިއަޅުވާލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝިޔާމް މިހެން ވިދާޅުވެފައި ވަނީ މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އަލީ އިކްރާމް މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ހުށަހެޅި މައްސަލައެއް ބަލަމުންދާ ދަނޑިވަޅެއްގައެވެ.
އިއްޔެ އެފަދަ މައްސަލައެއް ފެންމަތިވެފައިވައިރު، މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ގިނަ ފާރާތްތަކުން އެ މަގާމުތަކުން އެކަހެރުކޮށްފައި ވަނީ އެފަދަ ކޮންމެވެސް މައްސަލައެއްގައެވެ.
އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލަ އާއި ގުޅިގެން އޭނާ ވަނީ މަގާމުން ވަކިކޮށް އޭނާގެ މައްޗަށް ހިންގާ ޝަރިއަތް ވަނީ ފަށާފައެވެ. މީގެ އިތުރުން ސަފާރީއެއްގައި ޖިންސީ ގޯނާ ކުރި ކަމަށް ބުނާ "ރޯޔަލް ރޭޕް"ގެ ނަމުގައި މަޝްހޫރުވެގެންދިޔަ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.
އަދި އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސްގެ ފުރުއްވަމުންދިޔަ އަހުމަދު އަކުރަމް މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފައި ވަނިކޮށެވެ.