ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު، 3 ދުވަހުގެ ރަސްމީ ދަތުރެއްގައި ބަންގްލަދޭޝްއަށް ވަޑައިގަންނަވާ ކަން ދަ ޕްރެސްއަށް ކަށަވަރުވެއްޖެއެވެ.

ފެބުރުއަރީ މަހުގެ 8 އިން 10 ވަނަ ދުވަހަށް ޝާހިދު ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުގައި، ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު އޭކޭ ޢަބްދުލް މޫމިންއާ ބައްދަލު ކުރައްވާ، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ބަންގްލަދޭޝްގެ މީޑިއާއިން ވަނީ ހާމަކޮށްފައެވެ.

ދިވެހި ސަރުކާރުގެ އިތުބާރު ހިފޭ މަސްދަރަކުން، ދަ ޕްރެސްއަށް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

ޝާހިދުގެ ބަންގްލަދޭޝްގެ ދަތުރުގައި މަޝްވަރާ ކުރައްވާ މައުލޫތަކުގެ ތެރޭގައި، ހިޖުރަ ކުރުމާއި، ދޭދޭ ވިޔަފާރިއާއި ސަރަހައްދީ މަސްލަހަތާ ގުޅޭ އެކި ދާއިރާތައް ހިމެނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މަޝްވަރާތައް ކުރިއަށް ދާނީ ފެބުރުއަރީ 9 ވަނަ ދުވަހު، ބަންގްލަދޭޝްގެ ސްޓޭޓް ގެސްޓްހައުސް ޕަދުމާގައެވެ.

ޝާހިދު ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުގައި، ބަންގްލަދޭޝްގެ ރައީސް ޢަބްދުލް ހާމިދުގެ އިތުރުން ބޮޑުވަޒީރު ޝައިހު ހަސީނާއާވެސް ބައްދަލު ކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ޝާހިދުގެ މި ދަތުރަކީ، މިއަހަރުގެ މާޗް މަހާއި އޭޕްރިލް މަހާ ދެމެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅުގެ ކުރިން، މުހިންމު ބައެއް ކަންކަމާ މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރެއް ކަމަށް ޑިޕްލޮމެޓުންނާ ހަވާލާދީ، ބަންގްލަދޭޝްގެ މީޑިއާއިން ހަބަރު ދެއެވެ.

ޝާހިދުގެ ބަންގްލަދޭޝް ދަތުރާ ބެހޭ ގޮތުން ދިވެހި ހާރިޖިއްޔާއިން ރަސްމީ ސިފައެއްގައި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.