ރާއްޖޭގައި ކޮވިޑް-19އަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން އިއްޔެ އެކަނި 282 މީހަކު ކޮވިޑް ވެކްސިން ޖަހައިފިއެވެ.

ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ މާލޭގައި ހުރި ހަ ވެކްސިން ސެންޓަރާއި އަތޮޅުތަކުގައި ހުރި ދެ ވެކްސިން ސެންޓަރުން އިއްޔެ 282 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ.

އިއްޔެ ވެކްސިން ދޭން ފަށާފައި ވަނީ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގައެވެ. މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖައްސާފައި ވަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނެވެ.

ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިނުގެ 100،000 ޑޯޒެވެ. ކޮންމެ މީހަކަށް ދެ ޑޯޒް ފުރިހަމަ ކުރަން ޖެހޭނެތީ 100،000 ޑޯޒް ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ. ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާ އާ އެކު އެއްބަސްވުމެއް ހަދާފައެވެ.

އިއްޔެ ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައި ވާއިރު، ރާއްޖޭގައި އަދި ދެނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ އިން ތައްޔާރު ކޮށް އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިނަކީ ވެސް ޓްރަޔަލްތަކުން ރަނގަޅު ނަތީޖާއެއް ދައްކާފައިވާ ވެކްސިނެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޝީލްޑް ވެކްސިން ވެސް އަންނަނީ ދެމުންނެވެ.

ރާއްޖޭގައި ފުރަތަމަ ވެކްސިން ޖަހާފައި ވަނީ ޑރ. ޝިރާނީ އަބްދުއްރަހުމާނެވެ. މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ އެކި މުއްސަސާތަކުގެ އިސްވެރިންވެސް ވަނީ ކޮވިޑް ވެކްސިން ޖައްސަވާފައެވެ.