ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކޮވިޑް-19 ވެކްސިނާ ގުޅޭ މައުލޫމާތު ފަތުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) ބުނެފިއެވެ.

ބްރޯޑްކޮމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށުމާ ގުޅިގެން، އާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މައުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި ވެކްސިން ޖެހުމާ ގުޅޭ އެންމެހައި ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކޮވިޑް-19 ވެކްސިންއާ ގުޅޭ މައުލޫމާތު ނުފެތުރުމަށާއި ވެކްސިންއާ ގުޅޭ މައުލޫމާތުތައް ވީހާވެސް އަވަހަށް، ފަސޭހަކަމާއި ހަމަހަމަކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދިނުމަށްވެސް އެ ކޮމިޝަނުން ވަނީ ކަމާބެހޭ ފަރާތްތަކަށްވެސް ގޮވާލާފައެވެ.

މީގެއިތުރުން ކޮވިޑް-19 ވެކްސިންއާ ގުޅޭ ގޮތުން މައުލޫމާތު ގެނެސްދިނުމާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ މައުލޫމާތަކީ ކަމާ ބެހޭ އިދާރާތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު ގެނެސްދޭ މައުލޫމާތަކަށް ވުމާއި، މައުލޫމާތު ގެނެސްދިނުމުގައި ސިއްހީ ދާއިރާގެ މާހިރުންނާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއި ލަފާގެ މަތިން ގެނެސްދިނުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.