މާޗް 2021ގެ ނިޔަލަށް ވިލާތުގެ އިއްތިހާދުގެ ގައުމުތަކަށް އިތުރު 9 މިލިއަން ޑޯޒްގެ ވެކްސިން ސަޕްލައި ކޮށް ދިނުމަށް އަސްޓްރާޒެނީކާ ކުންފުނިން އެއްބަސްވެފައި ވާ ކަމަށް ވިލާތުގެ އިއްތިހާދުން ހާމަ ކޮށްފިއެވެ.

ވިލާތުގެ އިއްތިހާދުގެ ގުޅިފައިވާ ގާނޫނު ހަދާ މަޖިލިސް (ޔޫރަޕިއަން ކޮމިޝަން)ގެ ރައީސް އާސެލާ ވޮން ޑެ ލެޔެން ވިދާޅުވީ، މިއީ ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

ވިލާތުގެ އިއްތިހާދަށް އިތުރު ވެކްސިން ޑޯޒް ފޯރުކޮށްދިނުމަށް އަސްޓްރާޒެނީކާއިން އެއްބަސްވެފައި މިވަމީ، ވިލާތުގެ އިއްތިހާދާއި އަސްޓްރާޒެނީކާއާއި ދެމެދު ދެބަސްވުންތަކެއް އުފެދިފައި އޮތް ދަނޑިވަޅެއްގައެވެ. މި ދެބަސްވުން އުފެދުނީ ކުރިން އެއްބަސްވެފައިވާ ތާވަލާ އެއްގޮތަށް ވެކްސިން ސަޕްލައި ނުކޮށްދެވިދާނެ ކަމަށް އަސްޓްރާޒެނީކާއިން ބުނި ހިސާބުންނެވެ.

ވިލާތުގެ އިއްތިހާދުން ވަނީ އެ އިއްތިހާދުގެ ގައުމުތަކުގައި އުފައްދާ އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިން، އެ ގައުމުތަކުން ވެކްސިން އެކްސްޕޯޓް ނުކުރެވޭ އުސޫލުތައް ހަރުކަށި ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. ވިލާތުގެ އިއްތިހާދުން ހިތްހަމަ ނުޖެހުމުގެ އެންމެ ބޮޑު އަސްލަކަށްވީ، ދާދި ފަހުން އެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލި އިނގިރޭސިވިލާތަށް އަސްޓްރާޒެނީކާގެ ސަޕްލައި ލިބި، އެ އިއްތިހާދަށް ވެކްސިން މަދުވާ ކަމުގެ ޝަކުވާއާއެކުގައެވެ.

މި ދެބަސްވުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނު ކަމުގައި ވީ ނަމަވެސް، އަސްޓްރާޒެނީކާއިން މިހާރު ފޯރުކޮށްދޭން އެއްބަސްވި ޖުމުލަ 40 މިލިއަން ޑޯޒްގެ ވެކްސިނަކީވެސް ކުރިން އެއްބަސްވި މިންގަނޑަށްވުރެ ދަށް އަދަދެކެވެ. މިދިޔަ އޯގަސްޓް މަހު، ވިލާތުގެ އިއްތިހާދުން އަސްޓްރާޒެނީކާއާއެކު އެއްބަސްވުން އެކުލަވާލީ 300 މިލިއަން ޑޯޒްގެ ވެކްސިން ގަތުމަށެވެ.