ރާއްޖޭގައި ފުރަތަމަ ކޮވިޑް-19އަށް ވެކްސިން ޖެހި މީހަކަށް ޑރ. ޝިރާނީ އަބްދުއްރަހުމާނު ވެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ޑރ. ޝިރާނީއަށް ފަހު ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ އައިއެމްއެޗްގެ ނަރުހަކަށާއި، ހަކުރުބަލި ހުންނަ ފަރާތަކަށް ކަމަށެވެ. އެއަށްފަހު ހަތަރު ވަނަ ފަރާތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެކްސިން ޖައްސަވާނެ ކަމަށެވެ. އަދި އޭގެފަހުން ދައުލަތުގެ ބައެއް އިސްވެރިން ވެސް ވެކްސިން ޖައްސަވާނެއެވެ.

މީގެއިތުރުން ވެސް ފްރޮންޓްލައިންގައި މަސައްކަތް ކުރާ ސިއްހީދާއިރާގެ ބޭފުޅުންނާއި، އެހެނިހެން ހިދުމަތްތަކުގައި ފާރޮންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ބަލީގެ ނުރައްކާތެރިން ބޮޑު ނުވަތަ އުމުރުން ދުވަސްވީ މީހުން ހިމެނޭ ގޮތުން ޖުމްލަ 34 ފަރާތަކަށް މިއަދު ވެކްސިން ޖެހުމަށް ވަނީ ހަމަޖެހިފައި ވެއެވެ.

ރާއްޖެއިން ވެކްސިން ޖެހި ފުރަތަމަ ފަރާތް، ޑރ. ޝިރާނީ އަކީ ރަޝިޔާއިން މެޑިކަލް ދާއިރާއިން ތައުލީމު ހާސިލު ކުރައްވާ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް)ގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން ގެންދަވާ ޑޮކްޓަރެކެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މިިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހުޅުމާލޭގައި ގާއިމްކުރި ހުޅުމާލެ ކޮވިޑް ވިލޭޖްގައެވެ.

މިއަދު ރާއްޖޭގެ 6 ސަރަަހއްދެއްގައި ވެކްސިން ދޭން ފެށުމަށް ހަމަޖެހިފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން އައިޖީއެމްއެޗް އާއި އޭޑީކޭއާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ސެނެހިޔާ ހޮސްޕިޓަލް ހިމެނެއެވެ. މީގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުސީ ރީޖަނަލް ހޮސްޕިޓަލް ވެސް ހިމެނެއެވެ.

ވެކްސިން ޖެހުމަށް ދާ މީހުން ސަމާލުވާން ޖެހޭ ކަންކަމުގެ ތެރެއިން އާންމު ދަތުރުފަތުރުގެ ހިދުމަތް ބޭނުން ނުކުރުމަށް އެޗްއީއޯސީން އިލްތިމާސް ކުރެއެވެ. މީގެ އިތުރުން ވެކްސިން ޖެހުމަށްފަހު އެތަނުގައި 15 މިނެޓް މަޑުކުރަން ޖެހޭނެ ކަމަށް ވެސް އެޗްއީއޯސީން ބުނެއެވެ. ނަމަވެސް އެލާޖިކްވާ މީހުން 30 މިނެޓް މަޑު ކުރަން ޖެހޭނެ ކަމަށާއި ސިއްހީ ގޮތުން ދިމާވެދާނެ މައްސަލައަކަށް ވެކްސިން ދޭ ތަންތަނުގައި ސިއްހީ ހިދުމަތްތެރިން ތައްޔާރަށް ތިބޭނެ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ކުރިއަށް އޮތްތަނުގައި ވެކްސިން ޖަހަމުން ގެންދާނީ، ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އިސްކަން ދޭ ތަރުތިބާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން އެޗްޕީއޭއިން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދު ތަކެއްގައި ވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ވެކްސިން ދޭން ފަށާނެ ކަމަށެވެ.

ކޮވިޝީލްޑް ވެކްސިނަކީ ކޮވިޑް-19 އިން ދިފާއުވުމަށް ހާއްސަ ކޮށްގެން، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ވެކްސިނެކެވެ.