މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި ވެކްސިން ދޭން ފަށާ އިރު ގާތުން ކިރުދޭ މައިންނަށް ވެސް އެ ވެކްސިން ޖެހޭނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެެއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މިހެން ވިދާޅުވީ، ވެކްސިން ޖެހުމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.
ކޮވިޑް ވެކްސިން ދޭން ފަށާއިރު ބައެއް މީހުންނަށް ވެކްސިން ނުޖެހޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެ ލިސްޓުގައި 18 އަހަރުން ދަށުގެ ކުދިންނާއި މާބަނޑު އަންހެނުން އޭނާ ފާހަގަ ކުރެއްވިއެވެ. މާބަނޑު މީހުންނަށް ވެކްސިން ނުޖެހުނު ނަމަވެސް ގާތުން ކިރުދޭ މައިންނަށް ވެކްސިން ޖެހޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ހަމައެއާއެކު ވެކްސިން ޖެހޭ މީހުންގެ ތެރޭގައި ޕޮޒިޓިވް ވެގެން ރަނގަޅުވެފައިވާ މީހުންވެސް ހިމެނޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެ ގޮތުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޝަރުތެއްގެ ގޮތުގައި އެމީހަކު ޕޮޒިޓިވްވި ފަހުން 28 ދުވަސް ހަމަވެފައި ވާން ޖެހޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މިއަދު ރާއްޖޭގެ 6 ސަރަަހައްދެއްގައި ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން މާލެ ސަރަހައްދުން އައިޖީއެމްއެޗް އާއި އޭޑީކޭއާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ސެނެހިޔާ ހޮސްޕިޓަލް ހިމެނެއެވެ. މީގެ އިތުރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ވެސް ހިމެނެއެވެ.
ވެކްސިން މިއަދު ޖަހަން ހަމަޖެހިފައި ވަނީ ސިއްހީ ހިދުމަތް ތެރިންގެ ތެރެއިން ފްރަންޓް ލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ސޯޝަލް ވޯކަރުންގެ ގޮތުގައި ފްރަންޓް ލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. ވެކްސިން ޖެހުމަށް ދާ މީހުން ސަމާލުވާން ޖެހޭ ކަންކަމުގެ ތެރެއިން އާންމު ދަތުރުފަތުރުގެ ހިދުމަތް ބޭނުން ނުކުރުމަށް އެޗްއީއޯސީން އިލްތިމާސް ކުރެއެވެ.
މީގެ އިތުރުން ވެކްސިން ޖެހުމަށްފަހު ވެކްސިން މަރުކަޒުގައި 15 މިނެޓް މަޑުކުރަން ޖެހޭނެ ކަމަށް ވެސް އެޗްއީއޯސީން ބުނެއެވެ. ނަމަވެސް އެލާޖިކްވާ މީހުން 30 މިނެޓް މަޑު ކުރަން ޖެހޭނެ ކަމަށާއި ސިއްހީ ގޮތުން ދިމާވެދާނެ މައްސަލައަކަށް ވެކްސިން ދޭ ތަންތަނުގައި ސިއްހީ ހިދުމަތްތެރިން ތައްޔާރަށް ތިބޭނެ ކަމަށް އެޗްއީއޯސީން ބުނެއެވެ.
ވެކްސިން ދޭން ފަށާއިރު އެކަމަށް ތައްޔާރު ވުމުގެ ގޮތުން ވެކްސިން ޖަހަން 560 މީހުން ވަނީ މިހާތަނަށް ޓްރެއިން ކޮށްފައެވެ.