ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއަށް އެމަނިކުފާނު އިންކާރު ކުރައްވައިފިއެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.
މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މި ދެ ދައުވާއަށް ރައީސް ޔާމީން ވަނީ އިންކާރު ކުރައްވާފައެވެ. މި މައްސަލާގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވާހަކަ ދައްކަވަމުން އެމަނިކުފާނުގެ ގާނޫނީ ޓީމުގެ އިސް ވަކީލް އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ، ދައުލަތުން ދައުވާ ކުރަނީ ހިނގާފައި ނުވާ ކަމެއް ކުށެއްގެ ގޮތުގައި ހަދައިގެން ކަމަށާއި އެންމެ ފުރަތަމަ ކަމަކަށް ދައުވާ އަކީ ކޮބައިކަމާއި ދައުވާ އާ ގުޅިގެން ވަރަށް ގިނަ ކަންކަން ސާފު ނުވާ ކަމަށެވެ. އަދި މިއީ ސިޔާސީ ހަސަދައެއް ފިލުވައިލުމަށް ރާވައިގެން ކޮށްފައިވާ ދައުވާއެއް ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ޓީމުން ވަނީ ޝަރީއަތް މަޑު ޖައްސާލުމަށް އެދިފައެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެ މައްސަލައިގެ ބައެއް ލިޔެ ކިޔުންތައް ނުލިބެނީސް ޝަރީއަތް ކުރިޔަށް ގެންދިޔުމަށް ދަށު ކޯޓުން ނިންމި ނިންމުން ހައިކޯޓްގައި އިސްތިއުނާފު ކޮށްފައި ވާތީ ކަމަށެވެ. އެހެން ނަމަވެސް ޖަމީލް ވިދާޅުވީ އެ މައްސަލަ ބަލައި ނުގަތުމަށް ހައި ކޯޓްގެ ރެޖިސްޓާ ނިންމާފައިވާ ކަމަށާއި އިސްތިއުނާފަށް ހުށަހަޅާފައި ވަނީ ރަޖިސްޓާގެ ނިންމުން ހައިކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުގައި ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
މިކަމަށް ޖަވާބު ދެއްވަމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓްގެ އިސް ގާޒީ ވިދާޅުވީ ހައިކޯޓަށް މައްސަލަ ހުށައެޅިކަމަށް ބުނާ ބުނުން ފިޔަވާ އެއްވެސް ރަސްމީ ލިޔުމެއް ނެތް ކަމަށެވެ. އަދި ޝަރީއަތް މަޑުޖައްސާލަން ނިންމޭނީ އެފަދަ ލިޔުމެއް ހުށައެޅުމުން ކަމަށެވެ. އެހެންކަމުން އަންނަ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ހެކި ހުށަހެޅުމަށް އަޑުއެހުމެއް އޮންނާނެ ކަމަށް އިއުލާނު ކުރައްވާ ގާޒީ ވަނީ މިއަދުގެ ޝަރީއަތް ނިންމާލައްވާފައެވެ.
ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 5 އަހަރު ދުވަހަށް ޖަލަށް ލުމަށާއި، 5 މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) ޖޫރިމަނާ ކުރުމަށެވެ. ދައުލަތުން ބުނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައި ވަނީ ރައީސް ޔާމީނުގެ އެކައުންޓަށް ސަން ކުންފުނި މެދުވެރިކޮށް ވަދެފައިވާ 1.1 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރަށް އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދުމަށް ކަމުގައެވެ.