ރާއްޖޭގައި މާދަމާ ކޮވިޑް-19 ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ ރާއްޖޭގައި ވެކްސިން ދޭން މާދަމާ ފަށާނީ މާލެ، ކުޅުދުއްފުށި، އަދި އައްޑޫގައި ކަމަށެވެ. މިހާރު އެ ސަރަހައްދުތަކަށް ވެކްސިން ގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މާދަމާ ވެކްސިން ދޭން ފަށާ ވާހަކަ ބުނި ނަމަވެސް، މާދަމާ ވެކްސިން ދެނީ ކިތައް މީހުންނަށް ކަމެއް އަދި އެއީ ކޮން އުމުރުފުރައެއް ކަމެއް މިނިސްޓްރީން ނުބުނެއެވެ. އަދި މާދަމާ ވެކްސިން ދިނުމާ ގުޅޭ ގޮތުން މިއަދު ނޫސްބަޔާނެއް ނެރޭނެ ކަމަށް ބުނެ މިނިސްޓްރީން އިތުރު މައުލޫމަތެއް ނުދިނެވެ.
ކޮވިޝީލްޑް ވެކްސިނަކީ ކޮވިޑް-19 އިން ދިފާއުވުމަށް ހާއްސަ ކޮށްގެން، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ވެކްސިނެކެވެ.
އިންޑިއާގެ އަދުގެ ސަރުކާރުން ގެންގުޅޭ "ފުރަތަމަ އަވަށްޓެރިޔާ" ސިޔާސަތުގެ ދަށުން، އިންޑިއާއިން ވަނީ، ކޮވިޝީލްޑް ވެކްސިންގެ 1 ލައްކަ ޑޯޒް، ދިވެހިރާއްޖެއަށް ހަދިޔާ ކޮށްފައެވެ. ދިވެހިރާއްޖެއަކީ އިންޑިއާގެ "ހަދިޔާ ކޮވިޑް ވެކްސިން" ލިބުނު ފުރަތަމަ ގައުމުވެސްމެއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކޮވިޝީލްޑަށް ރުހުން ދީފައި ވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި ކަން ބަޔާންކޮށް، އެ އިދާރާއިން ބަޔާން އާންމު ކުރުމާއެކު ކުރި ޓްވީޓެއްގައި، ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވަނީ މި ކަމަށް ތައުރީފުކޮށް، މަރުހަބާ ކިއާފައެވެ.
އެމްއެފްޑީއޭއިން ކޮވިޝީލްޑަށް ރުހުން ދިނުމަކީ، ކޮވިޑް-19އާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ހިދުމަތް ކުރާ ފަހުލަވާނުންނާއި، އާންމު އާބާދީގެ ތެރެއިން، ބަލިޖެހުމުން އެންމެ ނުރައްކާވާ ގިންތީގެ މީހުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމާ ދިމާއަށް އެޅި މުހިންމު ފިޔަވަޅެއް ކަންވެސް އިންޑިއާއިން ވަނީ ފާހަގަ ކޮށްފައެވެ.
ކޮވިޝީލްޑް ވެކްސިނަށް ރުހުން ދިނުމުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އާއި ބައިނަލްއަގުވާމީ އުސޫލުތަކުގެ ދަށުން، ސިއްހީ ކުއްލި ހާލަތުގައި، ބޭނުން ކުރުމަށް އާ ވެކްސިންތަކަށް ހުއްދަ ދޫކުރާ މިންގަނޑުތަކަށް ރިއާޔަތް ކޮށްފައި ވާނެ ކަމަށް އެމްފޑީއޭއިން ކަށަވަރު ކޮށްދެއެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ބައެއް ގައުމުތަކުން މިހާރުވެސް ދަނީ ކޮވިޝީލްޑް ވެކްސިން ބޭނުން ކުރަމުންނެވެ. މި ސަރަހައްދުގައި ސިއްހީ ގޮތުން އެންމެ ކުރިއަރާފައިވާ އިންޑިއާއާއި ބަންގްލަދޭޝްގައިވެސް ކޮވިޝީލްޑް ވެކްސިން ބޭނުން ކުރާއިރު، މިއަދުގެ ވަގުތެއްގައި ސްރީލަންކާއިންވެސް މި ވެކްސިން ދޭން ފެށުމަށް ވަނީ ނިންމާފައެވެ.
ކޮވިޝީލްޑް ވެކްސިނަކީ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނިން ބޭނުން ކުރި ފޯމިއުލާއަށް ތައްޔާރުކޮށްފައިވާ ވެކްސިނެއް ކަން ކަށަވަރު ކޮށްފައި ވާނެ ކަމަށްވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.