ޕީއެންސީގެ ރައީސް އަދި މިވަގުތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު އަންނަ އަޑުއެހުމެއްގައި ދިނުމަށް ނިންމައިފިއެވެ.
މިއަދުގެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުން ފައްޓަވަމުން ގާޒީ ވަނީ މައްސަލައާއި ގުޅޭ ލިޔެކިޔުންތައް ލިބިފައިވޭތޯ އަބްދުއްރަހީމްގެ ވަކީލުން ކުރެ އައްސަވާފައެވެ.
ދައުލަތުން ދައުވާ އިއްވާ ދައުވާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމުން އަބްދުއްރަހީމްގެ ވަކީލް ވިދާޅުވީ، މައްސަލައިގެ ލިޔެކިޔުންތައް މިއަދު ލިބިފައިވުމުން ދައުވާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު އަންނަ އަޑުއެހުމަކަށް ހައްދަވައި ދެއްވުން އެދޭކަމަށެވެ. އަދި އެގޮތަށް އެދިފައިވަނީ ލިޔެކިޔުންތައް ބެލުމުގެ ފުރުސަތުވެސް ނުލިބޭތީކަން ވަކީލު ފާހަގަ ކުރެއްވިއެވެ.
އަބްދުއްރަހީމްގެ ވަކީލް އެގޮތަށް ފާހަގަކުރުމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދެން އަންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާއަށް ޖަވާބުދާރީވުން ކަމަށާއި ވީ އެންމެ އަވަހަކަށް އަޑުއެހުމެއް ޝެޑިއުލް ކުރުމަށްފަހު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
އަަބްދުއްރަހީމްއަށް ދައުވާ ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 28ގައި ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓުގެ ބޭރުގައި އޮތް މުޒާހަރާގެ ތެރެއިން، އަޑުގަދަކުރާ ބޭނުން ކުރައްވައިގެން ކްރިމިނަލް ކޯޓުގެ ގާޒީންނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ހަޑިހުތުރު ބަހެއް ބޭނުން ކުރެއްވުމުނެވެ.
އެ މައްސަލައިގައި އަދުރޭގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 615ގެ (ހ)ގެ ތިން ވަނަ ނަމްބަރާ ހަވާލާދީ އެ މާއްދާގެ (ނ) އާއި (ށ)ގެ ދަށުން ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާއެވެ. އެ ދައުވާ ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 26ގަ އެވެ.