މި ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.

އެކަމާ ގުޅިގެން ޣައްސާން ވިދާޅުވީ ދިވެހިން އެދެނީ ސަރުކާރުން ވި ވައުދުގެ ތެރެއިން ތިޔާގި ކަމާއި ތަނަވަސް ކަމަށް ކަމަށެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށާއި ރައްކާތެރި ކަމާއެކު ގައުމުގައި ދިރިއުޅުމަށް ކަމަށެވެ.

މީގެ އިތުރުން ހުރިހާ ކަމެއްގައިވެސް އިންސާފުން ކަންކަން ކުރުމަށާއި އިސްލާމް ދީނާއި ގައުމުގެ އިގްތިސޯދު ހިމާޔަތް ކުރުމަށްވީ ވައުދު ފުއްދައިގެން އުޅުމަށްވެސް ޣައްސާން ވަނީ ގޮވާލާފައެވެ.

ޣައްސާން އެފެދައިން ވިދާޅުވެފައި ވަނީ، އިދިކޮޅު ދެ ޕާޓީއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ސަޕޯޓަރުން "އިންސާފު ކޮބާ؟" ގެ ނަމުގައި އިއްޔެ އާއި ރޭ މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައި ވަނި ކޮށެވެ. އެ މުޒާހަރާގައި އިއްޔެ ވަނީ 11 މީހަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް މިހާރު އެފަރާތްތައް ވަނީ ދޫކޮށްލާފައެވެ.

ކުރިމިނަލް ކޯޓުން ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމް ހައިކޯޓުން ދެމެހެއްޓުމާ ގުޅިގެން އިދިކޮޅު ސިޔާސީ ދެ ޕާޓީ އެކުވެގެން ދަނީ ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރަމުންނެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައި ވަނީ، މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއްކަން ކަށަވަރު ކޮށްދީފި ކަމަށާއި އިންސާފު ގާއިމް ކޮށްދެވޭނެ ސަރުކާރެއް ނޫންކަން ސާބިތު ކޮށްދީފައިވާ ކަމަށެވެ. އަދި އަނިޔާވެރިކަމާ ދެކޮޅަށް އިންސާފު ހޯދުމަށް މުޒަހާރާތައް މާލޭގައި ބާއްވާނެ ކަމަށާއި ޔާމީންގެ ސަޕޯޓަރުންގެ އަޑު ކަނޑުވާ ނުލެވޭނެ ކަމަށެވެ.