އިދިކޮލޫ ސިޔާސީ ދެ ޕާޓީ އެކުވެގެން މިއަދު ކުރިއަށް ގެންދާ މުޒަހާރާއިން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގާއި ކުރީގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ހައްޔަރު ކޮށްފިއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މިކަން ހާމަކުރައްވާފައެވެ.
މީގެ ކުރިން ޕީޕީއެމުން ބުނެފައި ވަނީ، މުޒާހަރާއިން 11 މެންބަރަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެތެރޭގާއި ޕީއެންސީގެ ކައުންސިލް މެންބަރު ނަބީލް ޒަމީލް އަދި ސްޓީރިއަން ކޮމިޓީގެ މެންބަރުންވެސް ހިމެނޭ ކަމަށް ޕީޕީއެމުން ބުނެފައި ވެއެވެ. ހަމައެއާއެކު މުޒާހަރާގެ ތެރެއިން އެކަކަށް އަނިޔާ ކުރުމުގެ ސަބަބުން އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެމީހާ ވަނީ ހޭނެތިފައި ކަމަށް ޕީޕީއެމުން ބުނެއެވެ. ނަމަވެސް ހޭނެތިގެން ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާ ދެމުން ދަނީ ކާކަށް ކަން ޕީޕީއެމުން ހާމައެއް ނުކުރެއެވެ.
މިއަދު ކުރިއަށް ގެންދާ މުޒަހާރަާއަކީ ހުކުރު ދުވަހާ ދިމަކޮށް އިދިކޮޅުން މުޅި ރާޖޭގައި ބާއްވަން ބުނި މުޒާހަރާއެވެ. "އިންސާފު ކޮބާ؟" ގެ ނަމުގައި ކުރި އަށް ގެންދާ މި މުޒާހަރާ ޕީޕީއެމް އޮފީސް ކުރި މަތިން މިއަދު ހަވީރު 04:00 ގައި ފަށާފައި ވާއިރު މާލެ ސަރަހައްދުގައި މުޒާހަރާގެ ބައިވެރިން ހިނގަމުން ދަނިކޮށް އެސްއޯ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސާފައެވެ. މިހާރު މުޒަހަރާގެ ބައެއް ބައިވެރިން ތިބީ ޕާޓީ އޮފީސް ދޮރުމަތީގައެވެ. ފުލުހުން ވަނީ އެ މަގުގައިވެސް ބެރިކޭޑް ޖަހާ ބަންދުކޮށްފައެވެ.
މިއަދު މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން މަސައްކަތް ކުރި އިރު ހަވީރުގެ ވަގުތު އެސްއޯ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހާފައެވެ. އެގޮތުން ޗެނަލް 13 ގެ ނޫސްވެރިންގެ ގަޔަށް ވެސް ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައިވާ ކަަމަށް އެ ޗެނަލް އިން ބުނެއެވެ.
މި މުޒާހަރާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ޕީޕީއެމްގެ ނައިބް ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.