ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަ ކުރަން ނަން ހުށަހަޅާފައިވާ ކެންޑިޑޭޓުންނަށް އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ނަން އަނބުރާ ގެންދެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ހަމަޖައްސައިފިއެވެ.

އީސީން ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައި ވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމުގެ އުސޫލުގެ 2 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް، ލޯކަލް ކައުންސިލް ތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު 2020 އަށް ކުރިމަތިލާފައި ވާ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔުމުގެ މުއްދަތަށް ބަދަލު ގެނެސްފިއެވެ. އެގޮތުން މިހާރު ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދެވޭނީ އަންނަ މަހުގެ 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:00 އަށް ހަމައަށް ކަމަށް އީސީން ބުނެއެވެ.

މިދިޔަ މަހު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން 114 ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލި 74 ކެންޑިޑޭޓަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލި 40 ކެންޑިޑޭޓެކެވެ.

މި ދިޔަ އެޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހާ ހަމައަށް ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ފެތުރުމާ ގުޅިގެންނެވެ.މިހާރު އިންތިހާބު ބާއްވާނެ ތާރީހަކަށް ހަމަޖައްސާފައި ވަނީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހެވެ.

އިންތިހާބު ބާއްވާ ދުވަހާ ގާތްވަމުންދާ އިރު އީސީން ދަނީ އިންތިހާބު ބޭއްވުމުގެ ކަނަކަން ހަމަޖެއްސުމަށް ތައްޔާރީތައް ވަމުންނެވެ. އެ ގޮތުން މިހާރު އިންތިހާބާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.