އަންނަ އޭޕްރިލް 10 ގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރާ ސިވިލް މުވައްޒަފުން މާދަމާއިން ފެށިގެން ސަސްޕެންޑް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، މާދަމާއިން ފެށިގެން އެ ކެންޑިޑޭޓުން ސަސްޕެންޑް ވާނެ ކަމަށެވެ. އަދި އެކަން ސިވިލް ސާވިސް ކޮމިޝަނުން އެ ކެންޑިޑޭޓުންނަށް އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން ސިވިލް މުވައްޒަފުންގެ ކުރިން ސަސްޕެންޑް ކޮށްފައި ތިބުމަށް ފަހު އިންތިހާބު ލަސްވުމާ ގުޅިގެން އެމީހުންގެ ސަސްޕެންޝަން އުވާލަން ގާނޫނަށް އިސްލާހު ވަނީ ގެނެސްފައެވެ. މިހާރު ސިވިލް މުވައްޒަފުން ސަސްޕެންޑް ކުރަން ނިންމާފައި ވާ އިރު އިންތިހާބު ބޭއްވުމަށް ކެންޕޭން ކުރުމަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރު ވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު މަސައްކަތްތައް ފަށާފައެވެ. އެގޮތުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރެޖިސްޓްރީ ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންވެ ރަށްވެހިކަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އަށެއް ފެބުރުއަރީ 2021 ގެ ކުރިން އެކަން ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.