އިންޑިއާއިން ގެނައި ވެކްސިން ޖެހުމުގެ ހުއްދަ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދާދި ދެންމެ ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުގައި އުފެއްދި ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ހުއްދަ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ދީފައިވާ ކަމަށެވެ. އަދި މި ހުއްދަ ދީފައި ވަނީ އިމަޖެންސީ ހާލަތްތަކުގައި ބޭނުން ކުރަން ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

އިންޑިއާއިން ގެނައި ކޮވިޝީލްޑް ވެކްސިނަކީ، އޮކްސްފޯޑާއި އަސްޓްރާޒެނެކާ ގުޅިގެން ތައްޔާރު ކޮށް އިންޑިއާގައި އުފެއްދި ވެކްސިނެކެވެ. އޮކްސްފޯޑާއި އަސްޓްރާޒެނެކާ ގުޅިގެން ތައްޔާރު ކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ ކަމާބެހޭ އެޖެންސީން ޑިސެމްބަރު 30، 2020 ގައި ހުއްދަ ކޮށްފައިވާ ވެކްސިނެކެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ، އިންޑިއާއިން ގެނައި ކޮވިޝީލްޑު ބޭނުން ކުރަން ހުއްދަ ދިނީ، އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރު ކުރި ވެކްސިނާއި، އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފެއްދި ވެކްސިނާ ގުޅޭ ގޮތުން އިތުބާރު ހިފޭ ފަރާތްތަކުން ހިއްސާކޮށްފައިވާ ލިޔެކިޔުންތައް ބެލުމަށް ފަހު، އިންޑިއާގެ ވެކްސިނަކީ އޮކްސްޕޯޑް އަދި އެސްޓްރާޒެނެކާ ވެކްސިނާ އެއްގޮތަށް (އެއް ފޯމިއުލާއެއް) ބޭނުންކޮށްގެން އުފައްދާފައިވާ ވެކްސިނެއް ކަމަށެވެ. އެހެން ކަމުން އެ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް އެ އޮތޯރިޓީން ނިންމީއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކޮވިޝީލްޑް ބޭނުން ކުރުމުގެ ހުއްދަ މިދިޔަ އަންގާރަ ދުވަހު ދީފައި ވާ ކަމަށްވެސް ބުނެއެވެ.