އިރުމައްޗާއި ދެކުނު-އިރުމަތީ އޭޝިއާ ސަރަހައްދަށް ޗައިނާއިން އަތްގަދަ ކުރަމުން ދާ ދިއުމާ ދެކޮޅަށް، އެމެރިކާގެ އާ ރައީސް، ޖޯ ބައިޑަން، އިންޒާރުގެ ސާފު މެސެޖެއް ދެއްވައިފިއެވެ.

ސަރަހައްދީ މިލްކުވެރި ކަމުގެ މައްސަލާގައި ޗައިނާއިން ކުރަމުންދާ ދައުވާތަކަށް އެމެރިކާގެ އަދު ސަރުކާރުންވެސް އިންކާރު ކުރާ ކަމަށް އިޝާރާތް ކުރައްވަމުން ބައިޑަންއާއި އޭނާގެ އޮފިޝަލުން ވަނީ، ޖަޕާން، ދެކުނު ކޮރެއާ އަދި ޓައިވާންއަށް އެމެރިކާގެ އެއްބާރުލުން އޮންނާނެ ކަން ހާމަ ކުރައްވާފައެވެ.

ބުދަ ދުވަހުވެސް އެމެރިކާއާއި ޖަޕާނުން ވަނީ ސަރަހައްދީ ސަލާމަތާ ގުޅުންހުރި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، ޗައިނާއާއި އުތުރު ކޮރެއާގެ ވާހަކަތަކެއް ދެކެވުނު ކަމަށް ވައިޓްހައުސް އިން މައުލޫމާތު ދެއެވެ.

ބައިޑަންގެ ވެރިކަމަށް 3 ވަނައަށް ވީ ދުވަހުވެސް އެމެރިކާއިން ވަނީ ސަރަހައްދީ މައްސަލާގައި ޗައިނާއަށް އިންޒާރެއް ދީފައެވެ. ޗައިނާގެ ވައިގެ އަސްކަރީ ފްލީޓުން ޓައިވާންއަށް ފުރައްސާރަ ކުރި މައްސަލާގައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު، ނެޑް ޕްރައިޒް ވަނީ، އެމެރިކާއަކީ އަބަދުވެސް އެކުވެރިންނާއެކު އޮންނާޏެ ގައުމެއް ކަމަށް ވިދާޅުވެ، ޓައިވާންއާއެކު އޮތް ގުޅުންތައް އިތުރަށް ބަދަހި ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އިރުމަތީ ޗައިނާ ކަނޑާއި، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ މިލްކުވެރި ކަމާ މެދު ޗައިނާއިން ކުރަމުން އަންނަ ދައުވާތަކަށް އެމެރިކާގެ ސަރުކާރުތަކުން އަބަދުމެހެން އިންކާރު ކުރެއެވެ. ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުގައި ފޮރިން މިނިސްޓަރަކަށް ހުންނެވި މައިކް ޕޮމްޕޭއޯ ވަނީ ޗައިނާގެ ދައުވާތަކަކީ ޣައިރު ގާނޫނީ ދައުވާތަކެއް ކަމަށްވެސް ވިދާޅުވެފައެވެ.

ހަމަ މިއާއެކު، އެމެރިކާއިން ދަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކާ އެކު އޮންނަ ގުޅުންތައް ވެސް ބަދަހި ކުރަމުންނެވެ. ވަކިން ހާއްސަކޮށް، އިންޑިއާއާއި އެމެރިކާގެ ގުޅުންތައް، މި ފަހަކަށް އައިސް ވަނީ އިންތިހާއަށް ބަދަހިވެފައެވެ. އިންޑޯ-ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރި ކަމަކީ، އެމެރިކާއާއި އިންޑިއާގެ މަސްލަހަތު އެކުލެވޭ ކަންތައްތަކެއް ކަމަށް އެ ދެ ގައުމުންވެސް ވަނީ އިއްތިފާގުވެފައެވެ.