އިދިކޮޅު ކޯލިޝަނުން ހެލްތު މިނިސްޓްރީ ކުރިމަތީގައި މިއަދު މެންދުރު ކުރި މުޒާހަރާ ތެރެއިން ހައްޔަރު ކުރި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު (ޝުޖާ) ދޫނިދުއަށް ގެންގޮސްފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ޝުޖާ އާއި އަދުރޭ ދޫނިދޫއަށް ގެންގޮސްފައި ވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފަސީލެއް ނުދެއްވައެވެ.
އަދުރޭ އާއި ޝުޖާ ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައި ވާއިރު، މިރޭގެ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ހައްޔަރު ކޮށްފައެވެ.
ޝިޔާމް ހައްޔަރު ކުރި ނަމަވެސް، ޕާޓީގެ މެންބަރުން މިހާރު ގެންދަނީ މާލޭގެ މަގުތަކުގައި އަޑުގަދަކުރަމުން ހިނގަމުންނެވެ. މިރޭގެ ހަރަކާތުގައި ތަންކޮޅެއް މީހުން މަދު ނަމަވެސް ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން އަވަސް ކުރުމަށް ގޮވާލައި މިމަހު 24 ގައި ބޭއްވި މުޒާހަރާ ތެރެއިން ވެސް އަދުރޭ އާއި ޝުޖާ ހައްޔަރު ކުރިއެވެ. ނަމަވެސް އެރޭ އެ 2 ބޭފުޅުން ދޫކޮށްލިއެވެ.
އިދިކޮޅުން ސަރުކާރާ ދެކޮޅަށް ސީދާ ހަރަކާތައް ނުކުންނަން ގަރާރެއް ފާސްކޮށްފައި ވާއިރު، ފާއިތުވި ދެތިން ދުވަހެއްގެ ތެރޭގައި މާލޭގައި އެކިވަގުތުތަކުގައި އިދިކޮޅުން ވަނީ މުޒާހަރާ ކޮށްފައެވެ.
އޭގެ އިތުރުން އަންނަ ހުކުރު ދުވަހު "އިންސާފު ކޮބާ"ގެ ނަމުގައި މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށްވެސް އެ ކޯލިޝަނުން ވަނީ ނިންމާފައެވެ.