އިދިކޮޅު ކޯލިޝަނުން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހައްޔަރުކޮށްފިއެވެ.

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިރޭ ކުރިއަށްދާ ސުލްހަވެރި އިހުރިޖާޖުގެ ތެރެއިން ޝިޔާމް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ޝިޔާމް ހައްޔަރު ކުރި ނަމަވެސް، ޕާޓީގެ މެންބަރުން މިހާރު ގެންދަނީ މާލޭގެ މަގުތަކުގައި އަޑުގަދަކުރަމުން ހިނގަމުންނެވެ. މިރޭގެ ހަރަކާތުގައި ތަންކޮޅެއް މީހުން މަދު ނަމަވެސް ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ޝިޔާމް މިރޭ ހައްޔަރު ކޮށްފައި ވާއިރު، އިދިކޮޅު ކޯލިޝަނުން ހެލްތު މިނިސްޓްރީ ކުރިމަތީގައި މިއަދު ކުރި މުޒާހަރާގެ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއުވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން އަވަސް ކުރުމަށް ގޮވާލައި މިމަހު 24 ގައި ބޭއްވި މުޒާހަރާ ތެރެއިން ވެސް އަދުރޭ އާއި ޝުޖާއު ހައްޔަރު ކުރިއެވެ. ނަމަވެސް އެރޭ އެ 2 ބޭފުޅުން ދޫކޮށްލިއެވެ.

އިދިކޮޅުން ސަރުކާރާ ދެކޮޅަށް ސީދާ ހަރަކާތައް ނުކުންނަން ގަރާރެއް ފާސްކޮށްފައި ވާއިރު، ފާއިތުވި ދެތިން ދުވަހެއްގެ ތެރޭގައި މާލޭގައި އެކިވަގުތުތަކުގައި އިދިކޮޅުން ވަނީ މުޒާހަރާ ކޮށްފައެވެ.

އޭގެ އިތުރުން އަންނަ ހުކުރު ދުވަހު "އިންސާފު ކޮބާ"ގެ ނަމުގައި މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށްވެސް އެ ކޯލިޝަނުން ވަނީ ނިންމާފައެވެ.