އިދިކޮޅު ކޯލިޝަނުގެ މުޒާހަރާތަކަށް ނުކުންނަ މީހުން ލައި ޖަލުތައް ފުރި ނަމަވެސް ޖަލަށް ދާން އިިދިކޮޅު އޮތީ ތައްޔާރަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އިދިކޮޅުގެ މުޒާހަރާތަކަށް ދާ މީހުން އިތުރުވަމުން ދާނެ ކަމަށާއި ޖަލުގައި ގޮޅި ހުރި ވަރަކަށް ޖަލަށް ދާން ތައްޔާރު ކަމަށެވެ.

ސަރުކާރު ހިންގާ ކޯލިޝަނުން އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލަމުން ދާ ކަމަށާއި އެގޮތުން މުޒާހަރާ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ހައްޔަރު ކުރުމުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާފައި ވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭ ނިކުންނަ މީހުން ގިނަވާނެ، މާދަމާ އަދި މާ ގިނަވާނެ. ހުކުރު ދުވަހު މުޅި ރާއްޖެ ތެދުވާނެ. އަޅުގަނޑުމެން ރައްޔިތުން ޖަލުގައި ގޮޅި ހުރިވަރަކަށް ދާން މި ތިބީ ތައްޔާރަށް
ސައީދު

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން އަވަސް ކުރުމަށް ގޮވާލައި މިމަހު 24 ގައި ބޭއްވި މުޒާހަރާ ތެރެއިން ވެސް އަދުރޭ އާއި ޝުޖާއު ވަނީ ހައްޔަރު ކޮށްފައެވެ. އެބޭފުޅުން އެރޭގެ ވަގުތެއްގައި ދޫކޮށްލުމުން މިއަދު މިނިސްޓްރީ އޮފް ހެލްތައް ވަޑައިގެން އެތާނގައި އިހުތިޖާޖު ކުރައްވަން ފެއްޓުވެމުން ފުލުހުން ވަނީ އެދެބޭފުޅުން މިއަދު ހައްޔަރު ކޮށްފައެވެ.

އިދިކޮޅުން ސަރުކާރާ ދެކޮޅަށް ސީދާ ހަރަކާތައް ނުކުންނަން ގަރާރެއް ފާސްކޮށްފައި ވާއިރު، ފާއިތުވި ދެތިން ދުވަހެއްގެ ތެރޭގައި މާލޭގައި އެކިވަގުތުތަކުގައި އިދިކޮޅުން ވަނީ މުޒާހަރާ ކޮށްފައެވެ.

އޭގެ އިތުރުން އަންނަ ހުކުރު ދުވަހު "އިންސާފު ކޮބާ"ގެ ނަމުގައި މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށްވެސް އެ ކޯލިޝަނުން ވަނީ ނިންމާފައެވެ.