ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދިރިއުޅުއްވާ ގެކޮޅު ކުރިމަތީ އޭނާ އިސްތިއުފާ ދިނުމަށް ގޮވާލައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ފޮރިން މިނިސްޓަރު ގެކޮޅު ކުރިމަތީ މުޒާހަރާ ކުރަމުން ދަނީ އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި ސިލްސިލާކޮށް ބާއްވަމުން ދާ މީހުންނެވެ. އިންޑިއާ ސިފައިން ބޭރުކުރުމަށް މި މުޒާހަރާގައި ގޮވާލާފައިވާ އިރު މިނިސްޓަރު ޝާހިދު މަގާމުން އިސްތުިއުފާ ދިނުމަށް ވެސް ބައިވެރިން ވަނީ ގޮވާލާފައެވެ.

ނަމަވެސް މުޒާހަރާ ކުރަން ފެށީތާ މާ ގިނަ އިރުތަކެއް ނުވަނީސް އެ ސަރަހައްދަށް ފުލުހުން އައިސް ވަނީ މުޒާހަރާ ހުއްޓުވާފައެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ އެ ސަރަހައްދުން ފޮނުވާލާފައެވެ.

މިއަދު ފޮރިން މިނިސްޓަރުގެ ގެކޮޅު ކުރިމަތީ "އިންޑިއާ އައުޓް" ގެ ނަމުގައި ހިންގާ މުޒާހަރާ ކުރިއަށް ގެންގޮސްފައިވާ އިރު އިއްޔެ ވަނީ ފޮރިން މިނިސްޓްރީ ކުރިމަތީގައި ވަނީ މުޒާހަރާ ކޮށްފައެވެ. ހަމައެއާއެކު އިންޑިއާ ސަފީރުގެ ގެކޮޅު ކުރިމަތީގައި ވެސް މި ހަފްތާ ތެރޭގެ ވަނީ މި ބައިވެރިންތައް މުޒާހަރާ ކޮށްފައެވެ.

ސަރުކާރުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރަން ނުޖެހޭ ކަމަށް އިންފޯމޭޝަން ކޮމިޝަނަރު ނިންމެވި ނިންމެވުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފައެވެ.

ރާއްޖޭއަށް ކުރިން ގެނައި ހެލިކޮޕްޓަރުތަކާއެކު އިންޑިއާ ސިފައިން ވަނީ ރާއްޖެއަށް އައިސްފައެވެ. މީގެ އިތުރުން އިންޑީއާ އަސްކަރިއްޔާއާއި ރާއްޖޭގެ އަސްކަރިއްޔާއާއި ގުޅިގެން ހިންގާ ތަމްރީންތަކުގައި ވެސް ރާއްޖެއަށް އިންޑިއާ ސިފައިން އައިސް ވަނީ ހަރަކާތްތެރިވެފައެވެ.