ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީީސް އަހުމަދު ޝަރީފް ވިދާޅުވީ މޭމަހުގެ 9 ވަނަދުވަހަށްވުރެ އިންތިހާބު ފަސްކުރުމުގެ ބާރު ކޮމިޝަނަށް ނެތް ކަމަށެވެ. އަދި އެކަން އެގޮތަށް ނުވާނަމަ ގާނުނުން ކޮމިޝަނަށް ކުރެވޭނެ ހަމައެކަނި ކަމަކީ އެކަން މަޖިލީހަށް ހުށައެޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އިންތިހާބުގެ ތާރީހު އިއުލާންކުރުމުން އެޗްޕީއޭއިން އާއްމުކޮށްފައިވާ އުސޫލުގެ ދަށުން މިއަދުން ފެށިގެން ކެމްޕެއިން މަސައްކަތް ކުރެވޭނެކަމަށާއި އިންތިހާބުގައި ވާދަކުރަން ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ނަން ނެގުމުގެ އެންމެ ފަހު ތާރީހަކީ ކޮބައިކަން އަންނަ ހޮނިހިރު ދުވަހު އާއްމުކުރާނެ ކަމަށެވެ.

އެ ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކެމްޕެއިންކުރުމަށް ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބިގެންދޭތޯ ކޮމިޝަނުން ބަލަމުން ގެންދާނެ ކަމަށެވެ.

އަދި އިލެކްޝަންސް ކޮމިޝަނަށް ކުރަންނުޖެހޭ ކަންކަން އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުގައި އެ ކޮމިޝަންގެ މައްޗަށް ލާޒިމުކުރާ ކަމަށާއި ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓްލެވޭ މީހުންނަށް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެކަމަށް ބުނިނަމަވެސް އެކަން ގާނުނު ނުދަންނަކަމަށެވެ. ކޮމިޝަންގެ ޒިންމާއަކީ އެންމެންނަށްވެސް ވޯޓްލެވޭ ފުރުސަތު ހޯދާދައިނުންކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިހާބުގެ މަސައްކަތް ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެންނެވެ. މި އިންތިހާބު އަންނަ މާޗު މަހުގެ 6 ވަނަ ދުވަހު ބާއްވަން އީސީން މަސައްކަތް ކުރަމުން އައި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހަށް ދަންމާލުމާ ގުޅިގެން އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ބުނެއެވެ.

އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް ސަންސެޓް ގާނުނުގެ ގޮތުގައި މަޖިލީހުން ހާއްސަ ގާނުނެއް ފާސްކުރިއެވެ. އެގާނޫނުގައި ބުނެފައިވަނީ އެ ގާނުނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިހާބު ބާއްވަންޖެހޭނެކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މެއިމަހުގެ 9 ވަނަ ދުވަހެވެ.