ޝަހްސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓް ނަކަލުކޮށްގެން ރާއްޖެއަށް އެތެރެވުމަށް މަސައްކަތް ކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިއީ ނަކަލު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅެނިކޮށް މިއަހަރު ހުއްޓުވި ފުރަތަމަ މީހާއެވެ.

އިމިގްރޭޝަނުން ދަނީ ދޭތެރެ ދޭތެރެއިން މިފަދަ މީހުން ހުއްޓުވަމުންނެވެ.

ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު އިމިގްރޭޝަނުން ހުއްޓުވާފައި ވާއިރު، މިދިޔަ އަހަރު މިގޮތަށް ރާއްޖެ ވަންނަން މަސައްކަތް ކުރި 8 މީހަކު ވަނީ ހުއްޓުވާފައެވެ. އެގޮތުން ނަކަލު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެ ވާން އުޅެނިކޮށޤ މިދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ވަނީ، އުމުރުން 21 އަހަރުގެ އަންހެނަކާއި 47 އަހަރުގެ އަންހެނަކު ހިފަހައްޓާފައެވެ. އަދި ހަމަ އެ ދުވަހު ވައްތަރު މީހެއްގެ ރެސިޑެންޓް ކާޑެއް ބޭނުންކޮށް އޮލުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި އުމުރުން 24 އަހަރުގެ އަންހެނަކު ވެސް ވަނީ ހިފަހައްޓައިފައެވެ.

އަދި މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު އުމުރުން 23 އަހަރުގެ ބިދޭސީ ފިރިހެނަކާއި މިދިޔަ ޖުލައި މަހުގެ 27 ގައި 40 އަހަރުގެ ބިދޭސީ ފިރިހެނަކު ވަނީ ހުއްޓުވާފައެވެ. އިމިގްރޭޝަނުން ވަނީ އެމީހުން އަނބުރާ ފޮނުވާލާފައެވެ.

ވަގު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވާން އުޅޭ މީހުންނާއި ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅޭ ގިނަ މީހުން އިމިގްރޭޝަނުން ދަނީ ހުއްޓުވަމުންނެވެ. ނަމަވެސް، ކޮވިޑް-19ގެ ސަބަބުން ބޯޑަރުތައް ބަންދު ކުރުމާ ގުޅިގެން ގިނަ ބަޔަކަށް ވަނީ އެއްގައުމުން އަނެއް ގައުމަށް ދަތުރު ކުރެވޭ ގޮތް ނުވެފައެވެ. އެހެންކަމުން މިދިޔަ އަހަރު ފެންމަތިވި މިފަދަ މައްސަލަތައް ވަރަށް ބޮޑުތަނުން ވަނީ ދަށްވެފައެވެ.

2019 ވަނަ އަހަރު ވެސް ފޭކް ޕާސްޕޯޓު ހަދައިގެން އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންގެ އަދަދު ވަނީ ވިއްސަށް އަރާފައެވެ.