ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އަވަސްކުރަން ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިލެކްޝަންސް ކޮމިޝަން (އީސީ) ކައިރީ އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އިދިކޮޅުގެ އިސްވެރިން ވެސް ބައިވެރިވަމުން އަންނަ އެ އިހުތިޖާޖުގައި ރައީސް ޔާމީނަށް ތާއިދުކުރާ ގިނަ ބަޔަކު ބައިވެރިވަމުން އަންނައިރު އެމީހުން އަންނަނީ ވީއެންމެ އަވަހަށް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ގޮވާލަމުންނެވެ.

މީގެ އިތުރުން އެ މުޒާހަރާގެ ބައިވެރިން ދަނީ އަނިޔާވެރި ކަމާއި ބަދަލު ހިފުން ދޫކޮށްލައި ރައީސް ޔާމީން މިނިވަން ކުރަންވެސް ގޮވާލަމުންނެވެ.

ޕީޕިއެމްގެ ދިދަޔާއެކު މަގުތަކަށް ނިކުމެ އިހުތިޖާޖުކުރަމުން އަންނައިރު އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެެވެ. އެގޮތުން ބާޖަމާލުއްދީންގައި އީސީ ހިންގަމުން އަންނައިރު އެތަނުގެ ދޮރު މަތީގައި އެމީހުންނަށް ނުވަދެވޭ ގޮތަށް ފުލުހުން ތިބީ އެތުރިގެންނެވެ.

މި މުޒާހަރާ އިދިކޮޅުން މި ރައީސް ޔާމިނަށް ކޮށްފައިވާ ޖަލު ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން ސީދާ ހަރަކާތަށް ނުކުންނަން ނިންމުމަށް ފަހުއެވެ.