މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް މުދާ އިމްޕޯޓް ކުރި މިންވަރު ބޮޑުތަނުން ދަށްވި ނަމަވެސް، އެކްސްޕޯޓް މައްޗަށް ޖެހިލައިފިއެވެ.

ކަސްޓަމްސުން ބުނީ ޑިސެމްބަރު މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގަކީ 2.6 ބިލިއަން ރުފިޔާ ކަމަށެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައި ވާއިރު، 2020 ގައި އިމްޕޯޓުކުރި އަދަދު ވަނީ 40 ޕަސެންޓު ދަށްވެފައެވެ.

މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އަގު 459 މިލިއަން ރުފިޔާއަށް އަރާއިރު، އެއީ 2019ގެ ޑިސެމްބަރު މަހު އެކްސްޕޯޓުކުރި މުދަލުގެ އަގާ އަޅާބަލާއިރު އަށް ޕަސެންޓުގެ އިތުރު އަދަދެކެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރުގައި އެކްސްޕޯޓު ކުރި މުދަލުގެ އަގަކީ 425 މިލިއަން ރުފިޔާއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ތަފާސް ހިސާބުތައް

ޑިސެމްބަރު މަހު މުދާ އެތެރެކުރި މިންވަރު ވަރަށް ބޮޑަށް ދަށްވުމާއެކު އިމްޕޯޓް ޑިއުޓީން ދައުލަތަށް ލިބުނު އާމްދަނީ ވެސް 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30 ޕަސެންޓު ވަނީ ދަށްވެފައެވެ.

މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ އާއި ޔޫއޭއީ އަދި އިންޑިއާއެވެ. ޗައިނާ އަދި ޔޫއޭއީ އިން 408 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 360 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު އެތެރެކޮށްފައިވެއެވެ.