އިލެކްޝަން ކޮމިޝަން (އީސީ)ގެ ނާއިބު ރައީސަކަށް އެކޮމިޝަންގެ މެންބަރު އިސްލާއިލް ހަބީބު އިންތިހާބުކޮށްފިއެވެ.

އީސީން ބުނީ ހަބީބު ނައިބު ރައީސް ކަމަށް އިންތިހާބު ކޮށްފައިވަނީ އިލެކްޝަން ކޮމިޝަންގެ 623 ވަނަ ބައްދަލުވުމުގައި ނެގުނު ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމު ހުސްވެފައިވަނީ އެމަޤާމު ފުރުއްވަމުންދިޔަ އަހުމަދު އަކުރަމް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އަކްރަމް އީސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހެވެ.

އޭނާ އިސްތިއުފާ ދެއްވީ އީސީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފައި ވަނިކޮށެވެ.

އަކްރަމް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގެ މެންބަރު ކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުދެކޭ ކަމަށެވެ.