އަނަންތަރާ ކިހާވަށް ރިސޯޓުން ކޮވިޑް ކޭސްތަކެއް ފެނިފައިވާ ކަމަށާއި މިހާރު ފެނިފައިވާ ކޭސްތަކުގެ އަދަދު 31 އަށް އަރާފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، އަނަންރަތާ ރިސޯޓުން ކުރިން ފެނުނު ކޭސްތަކަކާ ގުޅިގެން އެ ރިސޯޓުން ނެގި ރެންޑަމް ސާމްޕަލްގެ ނަތީޖާތައް ލިބުނު އިރު އިއްޔެ އިތުރު 13 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މީގެ ކުރިން އެ ރިސޯޓުން 17 ކޭސް ފެނިފައި ވާއިރު، އޭގެތެރެއިން 14 މީހަކު ޕޮޒިޓިވް ވެފައި ވަނީ ބަލީގެ އަލާމަތްތައް ހުރެގެން ޓެސްޓު ކުރުން ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި މި ކޭސްތައް ފެނުނު އެ ރިސޯޓުގައި ރެންޑަމް ސާމްޕަލް ނަގައި ކޮންޓެކްޓް ޓްރޭސް ކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަނަންތަރާ ކިހާވަށް ރިސޯޓުން ކޮވިޑް 31 ކޭސް ފެނިފައިވާ އިރު، އޮބްލޫ ސަންގެލި ރިސޯޓުން ވެސް އިއްޔެއާ ހަމައަށް 83 ކޭސް ފެނިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. ހަމައެއާއެކު ރެސިޑެންސް މޯލްޑިވްސް ރިސޯޓުން މިހާތަނަށް 15 ކޭސް ފެނިފައިވާ ކަމަށާއި އިރުވެލި ރިސޯޓުން 6 ކޭސް ފެނިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އިއްޔެ ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 108 އަށް އަރާފައެވެ. މިއީ މި މަހު އެންމެ ގިނަ މިހުން ކޮވިޑަށް ޕޮޒިޓިވް ވި ދުވަހެވެ. މިހާތަނަށް އައި އިރު މި މަހު 1236 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.